Last Updated: June 6, 20:36
Saturday, June 6, 2026
މުނިފޫހިފިލުވުން

ފައިސާ މެނޭޖްކޮށް ދެނީ އާއިލާ އިން: ކާތިކް

އަމިއްލަ އެކައުންޓްތަކުގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެެއް ވެސް ނޭނގޭ ކަމަށާއި އަމިއްލަ ފައިސާގެ ކަންކަން މެނޭޖްކޮށް ދެނީ އާއިލާ އިން ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ކާތިކް އާރިއަން ބުނެފި އެވެ.

މަޝްހޫރު ފިލްމު ކްރިޓިކް އަނޫޕަމާ ޗޯޕްޅާ ދިން އިންޓަވިއުއެއްގައި 35 އަހަރުގެ އެކްޓަރު ބުނީ ފައިސާ މެނޭޖް ކުރުމަކީ އޭނަ ވަރަށް ނުފަރިތަ ކަމެއް ކަމަށެވެ. އެކަމަކު އާއިލާ އަކީ އެކަމުގައި ވަރަށް ކުޅަދާނަ ބައެއް ކަމަށް ބުންޏެވެ. ބޮލީވުޑްގެ މިހާރުގެ އެންމެ ޑިމާންޑް ބޮޑު އަދި ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ކާތިކް ބުނީ މެޑިކަލް ޑޮކްޓަރުން ކަމަށްވާ އޭނަގެ މަންމަ އާއި ބައްޕަ އަކީ ފައިސާ މެނޭޖް ކުރުމުގައި ވަރަށް ކުޅަދާނަ ބައެއް ކަމަށެވެ.

"އެހެންވެ އަހަރެންގެ ފައިސާގެ ހުރިހާ ކަމެއް މެނޭޖްކޮށް ދެނީ އެ މީހުން. އަހަންނަށް ވަރަށް ވެސް އުނދަގޫ ކަމެއް އެއީ،" ހުނަރުވެރި އެކްޓަރު ބުންޏެވެ. "އަހަންނަކަށް ޙުދު ނުވެސް އެނގޭ އަހަރެންގެ އެކައުންޓްކުގައި ހުރީ ކިހާ ފައިސާއެެއް ކަމެއް ވެސް."

ކާތިކް ބުނި ގޮތުގައި އޭނަ އެއްޗެއް ގަންނަން ވިޔަސް ނުވަތަ ތަނަކަށް ކާން ދިޔަސް އެކަމަށް ހިނގާ ހަރަދު ހަމަޖައްސަނީ މައިންބަައިން މެދުވެރިކޮށް ކަމަށެވެ.

"އެހެންވެ ބައެއް ފަހަރު ރެސްޓޯރަންޓްތަކަށް ގޮސް ކާލައިގެން ބިލު ދައްކައި ދޭން ގުޅާލީމަ ބިލު ބޮޑުވެގެން މަންމަ އާއި ބައްޕަ އަހާނެ ޑައިޓެއްގައޭ ބުނެފައި ގޮސް ކިހިނެއް ހެއްޔޭ ތި ހުރިހާ އެއްޗެއް ކާލީ؟" އޭނަ ބުންޏެވެ.

ކާތިކަކީ އޭނަގެ މަންމަ އާއި ބައްޕަގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ. އޭނަގެ ދައްތަ ކްރިތިކާ ތިވާރީ ވަނީ މި މަހުގެ 4 ގައި ޕައިލެޓަކާ ކައިވެނިކޮށްފަ އެވެ.

"ޕިޔާރު ކާ ޕަންޗްނާމާ" އާއި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އަދި "ބޫލް ބުލައްޔާ 2/3" ފަދަ ކާމިޔާބު ފިލްމުުތައް ކުޅެފައިވާ ކާތިކްގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 25 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އެވެ. އޭނަގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ކްރީޗާ ކޮމެޑީ "ނާގްޒިއްލާ" އާއި ޑައިރެކްޓަރު އަނޫރާގް ބާސޫގެ ލޯބީގެ ފިލްމެއް ހިމެނެ އެވެ.