Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ހުޅުމީދޫ މަސްފެކްޓަރީ ބިންގާ އަޅައިފި.

ހުޅުމީދޫގައި ޤާއިމުކުރުމަށް މި ސަރުކާރުން ވައުދުވެފައިވާ މަސްފެކްޓްރީގެ ބިންގާ އަޅައިފިއެވެ.

ހުޅުމީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މަސް ފެކްޓަރީގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީއާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއެވެ.

ހުޅުމީދޫގައި ޤާއިމުކުރާ މަސްފެކްޓްރީގެ މަޝްރޫއަކީ 117 މިލިޔަން ރުފިޔާ ގެ މަޝްރޫއެކެވެ.

މި ފެކްޓަރީގައި 1500 މެޓްރިކްޓަންގެ ކޯލްޑް ސްޓޯރޭޖަކާއި 100 މެޓްރިކްޓަން ބްރައިން ފްރީޒްކުރުމުގެ ގާބިލްކަން ހުންނާނެއެވެ. އަދި 50 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލްކަމާއި 100 ޓަނުގެ ސްޓޯރޭޖެއްވެސް މި ފެކްޓްރީގައި ހުންނާނެއެވެ. އަދި މީގެއިތުރުން 200 ޓަން ޑީސަލް ސްޓޯރޭޖާއި 250 ޓަން ފްރެޝް ވޯޓަރ ސްޓޯރޭޖެއްގެ އިތުރުން މަސްވެރިންގެ މެރީނާއެއް އެތަނުގައި ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.

ހުޅުމީދޫގައި ބިންގާ އެޅިި މަސް ފެކްޓަރީއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލް ވިދާޅުވީ މި މަސްފެކްޓަރީގެ މަސައްކަތް ނިމި އަންނަ އޮކްޓޯބަރ މަހުގެތެރޭގައި ޚިދުމަތް ދެވެން ފެށޭނެކަމަށެވެ. އަދި މި މަސްފެކްޓަރީގެ ދެވަނަ ފިޔަވަހީގެ ދަށުން ފެކްޓަރީގައި ގަނޑުކުރި ކަޅުބިލަމަސް ވެލިއު އެޑްކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް އަދްލީ ވިދާޅުވިއެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ މި މަސްފެކްޓަރީގެ ސަބަބުން ވަޒީފާގެ ގިނަ ފުރުސަތުތައް އުފެދިގެންދާނެ ކަމަށެވެ.

ހުޅުމީދޫގައި ޤާއިމުކުރާ މަސްފެކްޓްރީ އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމީދޫ މެދު ބަނދުގައެވެ.