Last Updated: June 13, 14:05
Saturday, June 13, 2026
މުނިފޫހިފިލުވުން

މުޅިން އާ ޓީމަކުން އޮލިމްޕަހަށް 'ދޯދި' ގެންނަނީ

އޮލިިމްޕަހަށް މުޅިން އާ ޓީމަކުން ފިލްމެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އަންނަ މަހުގެ 28 ގައި ޕްރީމިއާ ކުރަން ތާވަލުކޮށްފައިވާ މި ފިލްމަކީ ހަލަބޮލި މާލޭގެ މާހައުލުގެ ތެރޭގައި ބޮޑުވާ ޒުވާން ކުދިންތަކެއްގެ ވާހަކަ ކިޔައިދޭނެ "ދޯދި" އެވެ. މި ފިލްމަކީ ސްޓާލިޓް ޕްރޮޑަކްޝަންސް އާއި ޝެފާޑް މޯލްޑިވްސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

މައިގަނޑު ކާސްޓުން އާ މޫނުތަކެއް ދިވެހި ސިނަމާ އަށް ތައާރަފުކޮށް ދޭނެ "ދޯދި" ގެ މޭސްތިރި އަކީ މޮވަނު ޝަފީގެވެ. މިއީ އޭނަ ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމެވެ. އެކަމަކު މޮވަނު އަކީ ފިލްމީ މަސައްކަތްތަކަަށް މުޅިން އާ ސިކުނޑިއެެއް ނޫނެވެ. އުމުރުން އަދި އެންމެ 26 އަހަރުގެ މި ޒުވާނާ ކުރިން ދެ ކުރު ފިލްމެއް ހަދާފައިވެ އެވެ. އެއީ 2022 ގެ "ފަޅު" އާއި "އިނދަ" އެވެ.

އެ މަސައްކަތުގެ ތަޖުރިބާ އަށް ފަހު، ޒުވާން ޓީމެއް ގޮވައިގެން ފީޗާ ފިލްމެއް ހަދައި އޮލިމްޕަހުގެ ބޮޑު ސްކްރީނަށް ދޫކޮށްލާ އިރު، ބެލެވޭ ގޮތުން މޮވަނު ވާނީ ފީޗާ ފިލްމެއް ގެނެސްދޭ އެންމެ ޒުވާން ޑައިރެކްޓަރަށެވެ.

"ދޯދި" އާ މެދު ވަރަށް ބޮޑު އުންމީދެއްގައި ހުރި ޑައިރެކްޓަރު ބުނީ މީގައި ދައްކުވައި ދޭނީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް ކޮންމެ ދުވަހަކު ވެސް ދިމާވާ ކަހަލަ ހާދިސާތަކެއް ކަމަށެވެ. އެހެންވެ މިއީ އެންމެންނާ ވެސް ގުޅޭ ކަހަލަ ފިލްމަކަށް ވާނެ ކަމަށް ބުންޏެވެ.

"ކުރުކޮށް ބުނަންޏާ އެންމެންނާ ވެސް ވަރަށް ރިލޭޓަބަލް ސްޓޯރީއެއް މީގައި އިންނާނީ،" މޮވަނު ބުންޏެވެ. "މިހާރުގެ ޒުވާނުންތަކެއްގެ ޑޭ ޓުޑޭ ލައިފްގައި ކަންތައްތައް ވަމުންދާ ގޮތް މީގައި ދައްކުވައި ދޭނީ."

އޭނަ ބުނީ ފިލްމުގެ ކާސްޓްގެ ވަރަށް ބޮޑު ބަޔަކާއި ކެމެރާގެ ފަހަތުގައި ވެސް މުޅިން މަސައްކަތްކުރީ ފިލްމީ މަސައްކަތްތަކަށް ވަރަށް އާ އަދި ވަރަށް ޒުވާން ޓީމަކަށްވާތީ "ދޯދި" އަކީ ތަފާތު ކަމެއް ގެނުވައި ދޭނެ ފިލްމަކަށް ވާނެ ކަމަށެވެ.

"އަދި ވަރަށް އުންމީދު ކުރެވޭ ބެލުންތެރިންނަށް ފިލްމު ކަމުދާނެ ކަމަށް." ކުރިއަށް އޮތް ތަނުގައި ވެސް ޑައިރެކްޝަންގައި ކުރިއަށް ދާން ނިންމައިގެން ހުރި މޮވަނު ބުންޏެވެ.

"ދޯދި" ގެ ޕްރޮމޯޝަންތައް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި މަޑުންމަޑުން ކުރިއަށެވެ. އެގޮތުން ފިލްމުގެ މައިގަނޑު ބައެއް ކާސްޓުންގެ ފަސްޓްލުކް ޕޯސްޓަރުތަކެއްގެ އިތުރުން ފިލްމުގެ ޓީޒާއެއް ވެސް ވަނީ އާންމުކޮށްފަ އެވެ. "ދޯދި" ގެ މައިގަނޑު ކާސްޓުންނަކީ އަލަށް ތައާރަފުކުރާ ލާނާ ޖަލީލާއި އައިމިނަތު އިންނަ އާއި ޝަަހުދާން ޝަރީފެވެ.

ފިލްމީ ދާއިރާ އިން މިހާރު ފެންނަ މަޝްހޫރު ފަންނާނުންގެ ތެރެއިން އާމިރާ އިސްމާއީލް ވެސް "ދޯދި" ގެ ރޯލަކުން ފެންނަނެ އެވެ.

މި ފިލްމު އަންނަ މަހުގެ 28 ގައި ޕްރީމިއާ ކުރަން ތައްޔާރުވަމުން އަންނަ އިރު، ވަރަށް އަވަހަށް ޓިކެޓް ވިއްކަން ވެސް ހުޅުވައިލާނެ އެވެ. އަދި ފިލްމުގެ ޝޯތައް އަންނަ ފެބްރުއަރީ މަހުގެ މެދުތެރެއާ ހަމައަށް ކުރިއަށް ގެންދަން އޮތީ ނިންމައިފަ އެވެ. އޮލިމްޕަހަށް ފަހު، ރާއްޖޭގެ އާބާދީ ބޮޑެތި ބައެއް ރަށްރަށުގައި ވެސް ފިލްމު އަޅުވަން އޮތީ ޕްލޭންކޮށްފަ އެވެ.

"ދޯދި" ވާނީ އަންނަ އަހަރު އޮލިމްޕަހަށް ގެންނަ ދެވަނަ ފިލްމަށެވެ. އަންނަ އަހަރުގެ ފުރަތަމަ ފިލްމަކީ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު އަލީ ސީޒަން އަންނަ މަހުގެ 7 ގައި ގެނެސްދޭން އުޅޭ ބިރުވެރި ފިލްމު "ޕަރީ" އެވެ.