Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

ހިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ

ރައީސް ނަޝީދު. ފޮޓޯ: އަދަދު

ހިޔާލު ފާޅުކުރުމުގެ ހައްގު އޮބަހައްޓަން ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓާލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލަން ގޮވާލާފަ އެވެ. މީގެތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު އިއްޔެ ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފަ އެވެ. ދެން ހައްޔަރުކުރި މީހުންގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.

"އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން މި ކުރާ މަސައްކަތްތައް ހުއްޓާލަންޖެހޭ." ނަޝީދު ވިދާޅުވި އެވެ.

ކަންނެލި ގަނެ، މާކެޓު ކޮށްގެން ފައިސާ ހޯދައިދިނުމަށް ސަރުކާރުން ވީ ވައުދު ނުފުއްދާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން، މުޒާހަރާކުރަން ފެށީ މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު އެވެ.

ފުލުހުން ބުނީ ބާރުގެ ބޭނުންކޮށް އިހުތިޖާޖު ރޫޅާލަން ޖެހުނީ މާލެ ކައިރީގައި މުޒާހަރާކުރަމުންދިޔައިރު ތަކުރާރުކޮށް ނަސޭހަތްދިނުމުން ވެސް އެކަންކަމަށް މަސްވެރިންގެ ޔޫނިއަނުން އިޖާބަ ދީފައިނުވާތީ ކަމަށެވެ.