Last Updated: July 8, 11:51
Wednesday, July 8, 2026
ޚަބަރު

ޑިސްކަވާ އެއާލައިންސް ވީއައިއޭގެ އާ ޓާމިނަލަށް

ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް އެކަކުން ޑިސްކަވާ އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފި އެވެ.

ޓާމިނަލް އެކަކުން އެ އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަ ކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ދަތުރުވެރިންނަށް މަރުހަބާ ދަންނަވާފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ނަޒީމް އާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުޖްތަބާ ލަތީފް އާއި އެކުންފުނީގެ އިސްވެރިންނެވެ.

ޓާމިނަލް 1 އިން ޑިސްކަވާ އެއާލައިންސަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން ވަނީ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ޑިސްކަވާ އެއާލައިންސްގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޑިސްކަވާ އެއާލައިންސާއެކު ޓާމިނަލް 1 އިން ހިދުމަތް ދެމުން އަންނަ އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 31 އަށް އިތުރުވެފައެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާޢްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމެވެ.