މީދޫ "ދޮންދީނި" ޓީމްގެ ދައުވަތަކަށް ފުވައްމުލަކުގެ އަންހެން ވޮލީ ޓީމަކާ ފުޓްބޯޅަ ޓީމެއް މީދޫއަށް ގޮސް އެކުވެރިކަމުގެ މެޗްތަކެއް ކުޅެފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ފުވައްމުލަކުގެ އަންހެން ވޮލީ ޓީމާއި މީދޫ ޓީމާއި ދެމެދު ކުޅެވުނު ވޮލީ މެޗް ސީދާ ތިން ސެޓުން ކާމިޔާބް ކުރީ ފުވައްމުލަކު ފުވައްމުލަކު ސްޕޯޓްސް ކްލަބްއިންނެވެ.
މި އެކުވެރިކަމުގެ ވޮލީ މެޗް ކުޅެފައިވަނީ މީދޫ އިޖްތިމާއީ މަރުކަޒުގެ ވޮލީކޯޓްގައެވެ.
މީދޫ އަންހެން ފުޓްބޯޅަ ޓީމާއި ފުވައްމުލަކު އަންހެން ފުޓްބޯޅަ ޓީމް ރޭ ކުޅުނު ފުޓްސަލް މެޗް 11-0 ލަނޑުން ކާމިޔާބް ކުރީވެސް ފުވައްމުލަކު ސްޕޯޓްސް ކްލަބް ޓީމުންނެވެ.
ފުވައްމުލަކުގެ އަންހެން ވޮލީ ޓީމްތަކަށް ބަލާއިރު އެޓީމް ތަކަކީ ދާއިމީކޮށް ވޮލީކުޅެމުން އަންނަ ޓީމްތަކެކެވެ. މިގޮތުން ދާދިފަހުން ފުވައްމުލަކުގައި ބޭއްވުނު އަންހެން ވޮލީ މުބާރާތެއްގައި ރާއްޖޭގެ ނަން މަޝްރޫހު ގިނަ ކުޅުންތެރީންނާއި ރާއްޖެން ބޭރުގެ މޮޅެތި ކުޅުންތެރީންތަކެއް ވަނީ ކުޅެފައިވެއެވެ.
މީދޫގެ އަންހެން ވޮލީއަށް ބަލާއިރު މީދޫގައި އަންހެން ވޮލީ ނުކުޅެ ހުއްޓާލާފައިވާތާ 10 ވަރަކަށް އަހަރު ވެދާނެއެވެ. އެހެންނަމަވެސް ފުވައްމުލަކު ޓީމާއި ކުޅުމަށް ތައްޔާރުވަމުންދާ މީދޫ ވޮލީޓީމް ޕްރެކްޓިސް ފަށާފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރީންނެވެ.
ކުރިންވެސް ގަބޫލް ކުރެވުނު ގޮތަށް ފުވައްމުލަކު ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ރޭގެ މެޗަށް ފަހު މިފަދަ އެކުވެރިކަމުގެ މެޗްތަކެއް އިންތިޒާމް ކޮށްދިނީތީ މީދޫ އަންހެނުންގެ ޗޭން އަށާއި، ދޮންދީނި ޓީމަށް އަދި މީދޫގެ އެންމެހާ ރައްޔިތުންނަށް ޓީމުގެ ފަރާތުން ވަނީ ޝުކުރު ދަންނަވާފައެވެ.