Last Updated: July 8, 11:51
Wednesday, July 8, 2026
ޚަބަރު

ރައީސް ވިޔަފާރިވެރިންނާ ބައްދަލުކުރައްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ދިވެހި ވިޔަފާރިވެރިންނާ ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސް ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުވުމެއް ކަމަށް ހީނާ ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވުމުގެ ދަޢުވަތު ދިވެހި ވިޔަފާރިވެރިންނަށް ވަނީ އަރުވާފަ އެވެ.

ރައީސް މުއިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާއިރު، ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ މި އަހަރު ނިމެންވާއިރަށް އެއްކޮށް ދޭނެ ކަމަށް ދާދިފަހުން ރައީސް ވަނީ ވިދާޅުވެފަ އެވެ.

އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ އެތައް ވިޔަފާރިއެއް ހުއްޓުމަކާ ހަމައަށް ގޮސްފައިވާ ކަމަށް ބުނެ ބައެއް ވިޔަފާރިވެރިން ސޯޝަލް މީޑިއާގައި މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.