ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެ އެވެ.
(إِنَّ الدُّعَاءَ هُوَ الْعِبَادَةُ)) [رواه أحمد]
މާނައީ: “ހަމަކަށަވަރުން ދުޢާކުރުމަކީ އެއީ އަޅުކަމެވެ.” ﷲ ނޫން ފަރާތަކަށް އަޅުކަން އަނބުރާލުމަކީ ޝިރުކު ކުރުމެވެ. ވަލީވެރިއަކަށް ނުވަތަ ނަބިއްޔަކަށް ނުވަތަ އެނޫންވެސް ފަރާތަކަށް ދުޢާކޮށްފި މީހަކު ﷲ ތަޢާލާއަށް ޝިރުކުކޮށްފިއެވެ. މި ޝިރުކަށް ވާޞިލުކޮށްދޭ އެންމެ ބޮޑުކަމަކީ ޞާލިހުން މަތިވެރިކުރުމުގައި ޙައްދުފަހަނައަޅައި ދިޔުމެވެ. ޞާލިޙުން ދެކެ ލޯބިވުމަކީ އެއީ ﷲ ތަޢާލާއަށް އެކަމުން ކުއްތަންވެވޭ ކަމެކެވެ.
އެކަމަކު އެކަމުގައި ޙައްދުފަހަނަ އަޅާ ދިޔުމަކީ އެއީ ލޯބިވުމެއް ނޫނެވެ. ޙައްދުފަހަނަ އަޅައި ދިޔުމަކީ އެމީހުންނަށް ލިބިގެންވާ މަޤާމަށްވުރެ އެމީހުން މަތިވެރިކުރުމާއި، ﷲ ފިޔަވައި އެމީހުންގެ ކިބައިން ކަންތައްތަކަށް އެދި ދުޢާ ކުރުމާއި، އެމީހުންނަށް ޣައިބު އެނގޭކަމަށް ހީކުރުމާއި، ބަލާ މުޞީބާތުން ސަލާމަތްކޮށްދިނުމުގެ ބާރު އެމީހުންނަށް ލިބިގެންވާކަމަށް ޤަބޫލުކުރުމާއި، ބޭޤަރާރުވެފައިވާ މީހާގެ ދުޢާ އެފަރާތްތަކުން އިޖާބަކުރައްވާކަމަށް ޤަބޫލުކުރުމެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿قُلْ لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ﴾ [النمل 65].
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް ޣައިބު ނޭނގޭނެތެވެ. އަދި އެއުރެން އަލުން ދިރުއްވައި، މަޙްޝަރަށް ފޮނުއްވާހުށީ ކޮންއިރަކުންކަން އެއުރެންނަކަށް ނުމެއެނގޭމެއެވެ.”
އަދިވެސް ވަޙީކުރައްވާފައިވެއެވެ.
﴿أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ أَإِلَـٰهٌ مَّعَ اللَّـهِ قَلِيلًا مَّا تَذَكَّرُونَ﴾ [النمل: 62]
މާނައީ: “މުސީބާތްޖެހި ބޭޤަރާރު ވެފައިވާމީހާ ފަރިޔާދުކުރާހިނދު އޭނާގެ އެފަރިޔާދަށް އިޖާބަ ދެއްވާ، އޭނާގެ ކިބައިން ތަކުލީފު ދުރުކޮށްދެއްވަނީ ކާކުހެއްޔެވެ. އަދި ތިޔަބައިމީހުން ބިންމަތީގެ ޚަލީފާއިންކަމުގައި ލެއްވެވީ ކާކުހެއްޔެވެ. اﷲ އާއެކު (މިކަންތައްތައް ކޮށްދޭނެ) އެހެން އިލާހަކުވެސް ވޭހެއްޔެވެ؟ ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.”
ޞާލިޙުންނާމެދު ޙައްދުފަހަނައަޅައިދިޔުމާއި އެބައިމީހުންނަށް ޘަނާކިޔުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވިއެވެ. އެއީ ޝިރުކަށް ވާޞިލުވާ ދޮރުތައް ބަންދުކުރުމަށްޓަކައެވެ. އަދި ތައުޙީދު ޙިމާޔަތްކުރުމަށްޓަކައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
((لاَ تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ، إِنَّمَا أَنَا عَبْدٌ، فَقُولُوا: عَبْدُ اللهِ وَرَسُولُهُ)) [رواه البخاري]
މާނައީ: “ޢީސާގެފާނުގެ ތަޢުރީފު ކުރުމުގައި ނަޞާރާއިން ހައްދުފަހަނަޅައި ދިޔަފަދައިން ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަޢުރީފުކުރުމުގައި ހައްދުފަހަނަޅައި ނުދާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ (ﷲ ގެ) އަޅަކީމެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް “ﷲ ގެ އަޅު އަދި ﷲ ގެ ރަސޫލު” މިފަދައިން ކިޔާށެވެ.”
ނަބިއްޔުންނާއި ޞާލިޙުންނާމެދު ޙައްދުފަހަނައަޅައިދިޔުމުގެ ސަބަބުން މެނުވީ ނަޞާރާއިން މަގުފުރެދިގެންގޮސްފައިނުވެއެވެ. ޤަބުރުތައް މިސްކިތްތަކުގެ ގޮތުގައި ހެދުމާއި ޤަބުރުތަކުގެ މަތީގައި ބިނާކުރުމާއި އެތަނުގައި ﷲ އަށް އަޅުކަންކުރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވިއެވެ. ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދިލްވައްހާބު ރަޙިމަހުﷲ ވިދާޅުވިއެވެ.
"بَابُ مَا جَاءَ فِي التَّغْلِيظِ فِيمَنْ عَبَدَ اللهَ عِنْدَ قَبْرِ رَجُلٍ صَالِحٍ فَكَيْفَ إِذَا عَبَدَهُ؟”
މާނައީ: “ހެޔޮލަފާ މީހެއްގެ ޤަބުރުކައިރީގައި ﷲ އަށް އަޅުކަން ކުރާމީހާ އާމެދު އައިސްފައިވާ ހަރުކަށި ވަޢީދު ގެ ވާހަކަ ނަންގަތް ބާބު. ދެން ފަހެ، އޭނާ އެ ޤަބުރުގައިވާ މީހާއަށް އަޅުކަން ކޮށްފިނަމަ އަދިވާނީ ކިހިނެއްހެއްޔެވެ؟”
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
“لَعْنَةُ اللهِ عَلَى اليَهُودِ والنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِم مَسَاجِدَ” [متفق عليه]
މާނައީ: “ޔަހޫދިންނާއި، ނަޞާރާއިންގެ މައްޗަށް ﷲ ގެ ލަޢުނަތް ހުއްޓެވެ. އެބައިމީހުން، އެބައިމީހުންގެ ނަބީންގެ ޤަބުރުތައް މިސްކިތްތަކަކަށް ހެދިއެވެ.”
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.