Last Updated: July 8, 11:51
Wednesday, July 8, 2026
ޚަބަރު

މަސްވެރިކަމުގެ ދާއިރާއަށް ވެފައި އޮތް އިހުމާލު ފިލުވާލާނަން

މަސްވެރިކަމުގެ ދާއިރާއަށް މިހާރު ވެފައި އޮތް އިހުމާލު އެމަނިކުފާނުގެ ވެރިކަމެއްގައި ފިލުވާލާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ އެންމެފަހުން ތައްޔާރުކުރި މެނިފެސްޓޯގައި ވެސް އެންމެ އިސްކަމެއް ދީފައި އޮންނާނީ މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ކަމަށާއި މަސްވެރިކަމުގެ ސިނާއަތަކީ މިހާރުވެސް ރާއްޖޭގެ އެންމެ ވަރުގަދަ ސިނާއަތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މަސްވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު ހިއްސާދާރަކަށް ވާންވާނީ ސަރުކާރު ކަމަށާއި މަސްވެރިކަމަކީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައި އޮތް ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެފަދަ ކަމެއް ބޭރު މީހުންގެ އަތްމައްޗަށް މުޅިން ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ރައްޔިތުންނަށް އަބަދުވެސް އެންމެ ހެޔޮއެދޭނީ ސަރުކާރުން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"މަސްވެރިކަމުގެ ދާއިރާއަށް މިހާރު ވެފައި އޮތް ބޮޑު އިހުމާލު ފިލުވާލާނެ ކަމަށް ޝައްކެއް ވެސް ނެތް، އެ ގެރެންޓީ ދެން،" ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ޔާމީން ވިދާޅުވި އެވެ.

މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ވިސްނުންތަކެއް އެމަނިކުފާނުގެ ވެސް އެބަހުރި ކަމަށާއި އެކަންކަން މެނިފެސްޓޯ ތައްޔާރުކުރާއިރު ހިމެނޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ މަސްވެރިކަމުގެ ސިނާއަތް މިހާރު އޮތީ ބިދޭސީންގެ އަތްމަތީގައި ކަމަށާއި މިއީ މީގެކުރިން މަނާކަމެއް ކަމަށްވާއިރު، މި ކަންކަން މިގޮތަށް ހިނގަން މެދުވެރިވީ މާބޮޑަށް ދޫކޮށްލުމުން ކަމަށްވެސް ވިދާޅުވެފަ އެވެ.