Last Updated: July 8, 11:51
Wednesday, July 8, 2026
ކުޅިވަރު

ސިޓީން އާސެނަލްގެ ފަހަތުގައި ވިއްދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސްގެ މައްޗަށް 3-0 އިން ކުރިހޯދައި މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އޮތް އާސެނަލްގެ ފަހަތުގައި ވިއްދައިފި އެވެ.

އާސެނަލް އެއް ވަނައިގައި އޮތީ 16 މެޗުން 36 ޕޮއިންޓާ އެކު އެވެ. ރޭގެ މޮޅާ އެކު ސިޓީ ދެވަނައިގައި އޮތީ 16 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި 16 މެޗުން 33 ޕޮއިންޓާ އެކު އޮތީ އެސްޓަންވިލާ އެވެ.

ޕެލެސްގެ ދަނޑުގައި ކުޅުނު މެޗުގެ ކުރީކޮޅު ލީޑު ނަގައިދޭން ޕެލެސްގެ ޔެރެމީ ޕީނޯއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އާލިން ހާލަންޑް ވަނީ ސިޓީއަށް ލީޑު ނަގައިދީފަ އެވެ. މިއީ ޕެލެސްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ފޮނުވާލައިގެން ހާލަންޑް ކާމިޔާބުކުރި ގޯލެކެވެ.

ސިޓީގެ ދެވަނަ ގޯލު މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފިލް ފޮޑެން އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޕެލެސްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. އަދި މެޗުގެ 89 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ސިޓީގެ ތިންވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ހާލަންޑް އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ތިންވަނައިގައި އޮތް އެސްޓަންވިލާ ވަނީ 3-2 އިން ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އަދި އަމިއްލަ ދަނޑުގައި ކުޅެ ސަންޑަލޭންޑުން 1-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކުރިއިރު، ނޮޓިންހަމް ފޮރެސްޓުން ވަނީ 3-0 އިން ޓޮޓެންހަމް ބަލިކޮށް ބޮޑު މޮޅެއް ހޯދައިފަ އެވެ.