Last Updated: June 6, 18:54
Saturday, June 6, 2026
ޚަބަރު

ބޮޑު ކަންނެލި މަސްވެރިންނާ މިނިސްޓަރު ބައްދަލު ކުރަނީ

މި އަހަރުގެ މަސްވެރިންގެ ދުވަހާ އެކު ކަންނެލި މަސްވެރިން އެ މީހުންގެ ކަންބޮޑުވުންތަކާ އެކު ފެށި އިހުތިޖާޖަށް ސަރުކާރުން ހުރަސް އަޅައި ބައެއް މީހުން ހައްޔަރު ވެސް ކޮށްފައި ވަނިކޮށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު މިއަދު ކަންނެލި މަސްވެރިންނާ ބައްދަލު ކުރަން ނިންމައިފި އެވެ.

އެ ބައްދަލުވުން އޮންނާނީ ހެނދުނު 11:00 ގަ އެވެ.

ބޮޑު ކަންނެލީގެ މަސްވެރިންނަށް މި ސަރުކާރުން ވި ވައުދުތައް ނުފުއްދާތީ ބޮޑު ކަންނެލީގެ މަސްވެރިން މި މަހުގެ 10 ގައި އިހުތިޖާޖަށް ނުކުތް އިރު، މިނިސްޓަރު ހުންނެވީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކަށް ރ. ދުވާފަރުގަ އެވެ.

އެ ދަތުރު ނިންމާލުމަށް ފަހު މިނިސްޓަރު މިއަދު ބޮޑު ކަންނެލީގެ މަސްވެރިންނާ ބައްދަލު ކުރައްވާ އިރު، އެ މީހުންގެ އިހުތިޖާތަކީ ބޮޑު ކަންނެލީގެ މަސްވެރިންގެ ޔުނިއަން (ބީކޭއެމްޔޫ) އިން އިންތިޒާމުކުރި އިހުތިޖާޖެކެވެ. އެ އިހުތިތާޖުގެ ތެރެއިން އެ ޔުނިއަންގެ ސެކްރެޓަރީ ޖެނެރަލް އަދި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު އަނިޔާވެރި ގޮތަކަށް ފުލުހުން ހައްޔަރު ކުރުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

އޭނަގެ ބަންދަށް ފުލުހުން ފަސް ދުވަސް ވެސް ޖެހި އެވެ. ނަމަވެސް ފަހުން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

ބޮޑު ކަންނެލީގެ މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް ކުރެ އެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80-100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.