Last Updated: June 6, 20:36
Saturday, June 6, 2026
ދުނިޔެ

ޗިލީ އަށް އާ ރައީސެއް އިންތިހާބުކޮށްފި

ޗިލީ އަށް އާ ރައީސެއް އިންތިހާބުކޮށްފި އެވެ.

ދެ ބުރަކަށް އެ ގައުމުގައި ބޭއްވި ރިޔާސީ އިންތިހާބު އިއްޔެ ކާމިޔާބު ކުރެއްވީ ކަނާތު ފިޔައިގެ ލީޑަރެއް ކަމަށްވާ ރިޕަބްލިކަން ޕާޓީ އޮފް ޗިލީ (ޕީއާރްސީއެޗް) ގެ ކެންޑިޑޭޓް ޖޯސް އެންޓޯނިއާ ކާސްޓް، 59، އެވެ.

އޭނަ އިންތިހާބު ކުރެއްވި އިރު ކެމްޕޭން އެންމެ ބޮޑަށް ފޯކަސްކޮށްފައި އޮތީ ގައުމުގެ ސަލާމަތީ ކަންކަމާއި ގައުމަށް އެތެރެވާ މީހުންގެ މައްސަލަތައް ހައްލު ކުރުމާއި ތަފާތު ކުށްތައް ނައްތާލައި ސުލްހަ މަސަލަސްކަން ގައުމަށް ގެނެސް އިގުތިސާދީ ގޮތުން ވެސް ވަރުގަދަ އަދި އަމިއްލަ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ޗިލީގެ ކުރިމަގު ބައްޓަން ކުތުމުގެ ވައުދުތަކުގެ މައްޗަށެވެ.

ކާސްޓް އިންތިހާބު ކާމިޔާ ބުކުރެއްވީ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވޯޓްލީ މީހުންގެ 58.16 ޕަސެންޓް ވޯޓުންނެވެ. މިއީ އޭނަ ރިޔާސީ އިންތިހާބަށް ވާދަކުރެއްވި ތިން ވަނަ ފަހަރެވެ.

މި ކާމިޔާބީއާ ގުޅިގެން ސަޕޯޓަރުންނާ އެކު ވެރިރަށް ސެންޓިއޯގައި ބޭއްވި އެއްވުމެއްގައި ކާސްޓް ވިދާޅުވީ މިއީ ވަރަށް ވެސް ބޮޑު އުފާވެރި ކަމެއް ގެނުވައި ދިން ކާމީޔާބީއެއް ކަމަށެވެ.

ކާސްޓްއާ މި އިންތިހާބުގައި ވާދަކުރެއްވީ ވާތު ފިޔައިގެ ކޯލިޝަނަކުން ހިންގަމުން އަންނަ ސަރުކާރުގެ މައި ޕާޓީ، ކޮމިއުނިސްޓް ޕާޓީގެ އަންހެން ކެންޑިޑޭޓް ޖަނައެޓް ޖާރާ އެވެ. އޭނަ އަށް ލިބިވަޑައިގަތީ ވޯޓްލީ މީހުންގެ 41.84 ޕަސެންޓް ވޯޓެވެ.

ޗިލީގެ ރައީސްކަމުގެ ހުވާ ކާސްޠް ކުރައްވާނީ އަންނަ އަހަރުގެ މާޗް 11 ގަ އެވެ. މިހާރު ޗިލީގެ ރައީސަކީ 2022 ގައި މަގާމަށް ވަޑައިގެންނެވި ގެބްރިއެލް ޖޮރިކް، 39، އެވެ. އޭނަ އަކީ އެ ގައުމުގެ 37 ވަނަ ރައީސެވެ.