Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

'އެސްޓޭޓް ސެކިއުރިޓީ ސާވިސް' ތައާރަފުކޮށްފި

ހުޅުމާލޭގެ ރައްޔިތުން އަމާން މުޖުތަަމައެއް ފަހިކޮށް ދިނުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "އެސްޓޭޓް ސެކިއުރިޓީ ސާވިސް" ގެ ނަމުގައި ހާއްސަ ޚިދުމަތެއް ތަޢާރަފުކޮށްފި އެވެ.

ރޭ ބޭއްވި ހަފުލާގައި ތައާރަފު ކުރި މި ޚިދުމަތަކީ އެޗްޑީސީގެ ސެކިއުރިޓީގެ މަސައްކަތްތައް ވަކި ޚާއްސަ ބްރޭންޑެއްގެ ދަށުން ފޯރުކޮށް ދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

"އެސްޓޭޓް ސެކިއުރިޓީ ސާވިސް" ރަސްމީކޮށް އިފުތިތާހުކޮށް ދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ޢަލީ ޒުހައިރެވެ.

އޭނަ ވިދާޅުވީ، ހުޅުމާލެއަކީ ވަރަށް ބާރު ސްޕީޑެއްގައި އާބާދީ އިތުރުވަމުން އަންނަ ތަނަކަށްވުމާ އެކު، އެ ތަނުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މުޖުތަމައެއް ފަހިކޮށް ދިނުމަކީ ވަރަށް ވެސް މުހިއްމު ކަމެއް ކަމަށެވެ..

"ސެކުއިރިޓީންނަކީ ތަނުގެ އަމާންކަމާއި އޮމާންކަން ބެލެހެއްޓުމަށް ހީވާގިކަމާއެކު ރެޔާއި ދުވާލު ސައުވީސް މަސައްކަތް ކުރާ ފަރާތްތަަކެއް. އެހެންކަމުން އެ މީހުން ފަސޭހައިން އައިޑެންޓިފައި ކުރެވޭނެގޮތެއް ހަދަން އެބަޖެހޭ،" ޒުހައިރު ވިދާޅުވި އެވެ. "އެހެންމަ މިއަދު މި ތައާރަފްވެގެން ދިޔަ އެސްޓޭޓް ސެކުރިޓީ ސާވިސްގެ މަޤުސަދު އަޅުގަނޑުމެން ކުރިއަ ށްދާނީ އެންމެ ފުރިހަމަކަމާއި އަމާންކަމާއި، ތިޔަ ހުރިހާ ފަރާތަކަށްވެސް ދޭންޖެހޭ ފުރިހަމަ ޚިދުމަތެއް ގޮތުގައި."

ރޭގެ ރަސްމިއްޔާތުގައި އިންސްޕެކްޓަ އޮފް ޕޮލިސް ޙާމިދާ ޢަބްދުލް ޢަލީމް ވިދާޅުވީ، ފުލުހުންނާއި އެޗްޑީސީގެ ސެކިއުރިޓީ ޓީމާ ގުޅިގެން ހުޅުމާލެ އަކީ ރައްކާތެރި އަދި އަމަން އަމާން ތަނެއްްގެ ގޮތުގައި ބޭއްވުމަށް މިހާރު ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އަލަށް ތައާރަފުކުރި ޚިދުމަތާއެކު ފުލުހުންނާއި އެޗްޑީސީގެ ސެކުރިޓީން ގުޅިގެން މަސައްކަތް ކުރުމަށް އިތުރަށް ފަސޭހަވާނެ ކަމަށް ވިދާޅުވި އެެވެ.

އެސްޓޭޓް ސެކިއުރިޓީޓީމުން މަސައްކަތް ކުރާނީ ހާއްސަ ޔުނީފޯމެއް ވެސް އަޅައިގެންނެވެ. މި ޚިދުމަތުގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ ފެންވަރަށް ސެކިއުރިޓީގެ ޚިދުމަތް ފޯރުކޮށް ދިނުމެވެ. އެގޮތުން، ސީސީޓީވީ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ގައުމީ މިންގަނޑުތަކަށް ފެތޭ ގޮތަށް މި ޚިދުމަތް ފުޅާކުރުމަށް އިތުރު އިންވެސްޓްމަންޓްތައް ކުރަމުންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.