އައްޑޫގައި ނެޝަނަލް ކެރިއާސް ސާވިސް ސެންޓަރެއް ހުޅުވައިފި އެވެ.
އެ ސެންޓަރު ހުޅުއްވައި ދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ އެހެން ބައެއް ވެރިންނާއި އައްޑޫ މޭޔަރު އަލީ ނިޒާރާއި އެހެން ކައުންސިލަރުންނާއި އައްޑޫގައި ހުންނަ އެކިއެކި މުއްސަސާތަކާއި ސްކޫލްތަކާއި ޔުނިވަސިޓީ/ކޮލެޖް ކެމްޕަސްތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
ނެޝަނަލް ކެރިއާސް ސާވިސް ސެންޓަރެއް އައްޑޫގައި ހުޅުވި އިރު، ކެރިއާ ގައިޑެންސަށް ހާއްސަކޮށްގެން މާލެ އާއި އަތޮޅު ތެރޭގައި ޕްރޮގްރާމްތަކެއް ހިންގަން ވެސް ހަމަޖެހިފައިވެ އެވެ.
އެގޮތުން ރާއްޖެ އަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާ ކުރުމަށް އެތަނުން ޕްރޮގްރާމްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.
އައްޑޫ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ ވަޒީރު ވަޒީފާ އަކީ އިންސާނާގެ ޢިއްޒަތާއި، މަޤުޞަދާއި، މުޖުތަމަޢުގައި އަދާކުރާ ދައުރާ ގުޅުފައިވާ ކަމެއް ކަމަށާއި، ނެޝަނަލް ކެރިއާ ސާވިސަސް ޒަރީޢާއިން ވަޒީފާ ހޯދާ ފަރާތްތަކަށް، ވަޒީފާދޭ ކުންފުނިތަކާއި، ތަމްރީނުދޭ މަރުކަޒުތަކާއި، ހުނަރު އިތުރު ކުރުމުގެ ފުރުޞަތުތަކާ ގުޅުވައިދޭނެ ކަމަށެވެ. އަދި
ހާއްސަކޮށް އައްޑޫގެ ޒުވާނުން ބަދަލުވަމުން އަންނަ ވަޒީފާގެ ދުނިޔެއަށް ހޭނި، ކުރިއަށް ދިއުމަށް މިއީ ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނެޝަނަލް ކެރިއާސް ސާވިސް އަކީ ކުރިން ޖޮބް ސެންޓަރުގައި ހިންގަމުން އައި އިދާރާ އެވެ. އެތަން ނެޝަނަލް ކެރިއާސް ސާވިސް އަށް ބަދަލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
އައްޑޫގައި ހުޅުވި ސެންޓަރާ އެކު މީހުން ބިނާ ކުރަން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާވެގެން ދާނެ އެވެ.