މޯލްޑިވް ގޭހުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާނު) ގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމް، ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ކުރިމިނަލް ކޯޓުން އޭނަ އްޗަށް 12 އަހަރުގެ ޖަލު ހުކުމް އިއްވީ މި އަހަރުގެ އޮގަސްޓް 29 ގަ އެވެ.
އެ ހުކުމް މާނުގެ ފަރާތުން އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހެޅީ މިދިޔަ ހުކުރު ދުވަހު އެވެ. އެކަމަކު މައްސަލަ އަދި އޮތީ ރަސްމީކޮސް ބަލައިނުގަނެ އެވެ.
މާނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާކޮށްފައި ވަނީ ގޭހުގެ އެމްޑީގެ މަގާމުގައި މާނު ހުންނެވި އިރު، އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3.1 މިލިއަން ރުފިޔާ ނެގި ކަމަށް ތުހުމަތުވާ މައްސަލައެއްގަ އެވެ.
އެ މައްސަލައިގައި އޭނަގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައު ވާއާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައި ދިނުމުގެ ކުށުގެ ދައުވާއާއި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އުފުލި އެވެ.