ބޮލީވުޑްގެ ފަންނާނު ސުހައިލް ޚާން ހެލްމެޓް ނާޅައި ސައިކަލް ދުއްވުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން މައާފަށް އެދިއްޖެ އެވެ.
މަޝްހޫރު ތަރި ސަލްމާން ޚާންގެ ކޮއްކޮ ހެލްމެޓް ނާޅައި އިއްޔެ ރޭ މުމްބާއީގައި ސައިކަލް ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، ވަރަށް ގިނަ ބައެެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ. އަދި ސުހައިލް ފަދަ މަޝްހޫރު، ނުފޫޒު ގަދަ މީހުން ގާނޫނާ ގަވައިދުވަތަކަށް ބޯލެނބުމަށް ނޯންނާނެ ކަމަށާއި މިފަދަ މީހުންނާ ހެދު އެހެން މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅެމުންދާ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ފާޑު ކިޔާފައިވެ އެވެ.
މިކަމާ ގުޅިގެން މައާފަށް އެދި ސުހައިލް އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ބުނީ އޭނަ އާންމުކޮށް ސައިކަލް ދުއްވަން ނުކުންނަނީ މަގުތަކުގެ ހަލަބޮލިކަން ކުޑަވެ، ޓްރެފިކްގެ ތޮއްޖެހުން ކުޑަވުމުން ވަރަށް ދަންވާ ފަހުން ކަމަށެވެ. އަދި ހެލްމެޓް ނާޅައި ދުއްވީ ހެލްމެޓް އެޅުމުން ހާސްވާ ގޮތްވާތީ ކަމަށް ބުންޏެވެެ. އަދި އެއީ އޭނަ އަށް އަބަދު ދިމާވާ ގޮތެއް ކަމަށާއި އެކަމުން އަރައި ގަތުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ބުންޏެވެ.
އެކަމަކު އެއީ ސައިކަލް ދުއްވާ އިރު ހެލްމެޓް ނާޅަން ދެއްކޭނެ ބަހަނާއެެއް ނޫން ކަމަށް ވެސް ސުހައިލް ބުންޏެވެ. އެހެންވެ އެކަމަށް މައާފަށް އެދޭ ކަމެއް ކަމަށާއި އެފަދަ ކަމެއް ދެން ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ވެސް ދީފައިވެ އެވެ. ސުހައިލް ބުނީ މަގިތަކުގައި ދުއްވާ އިރު، އެންމެންނެގެ ސަލާމަތާއި ރައްކާތެރި ކަމަށް ވިސްނަން ޖެހޭ ކަމަށް ގަބޫލު ވެސް ކުރާ ކަމަށާއި އޭނަ ކުރިއަށް އޮތް ތަނުގައި އެކަމަށް ފަރުވާ ބަހައްޓާނެ ކަމަށް ވެސް ބުންޏެވެ.
ދެ ކުދިންގެ ބައްޕަ ސުހައިލް، 55، އަކީ އެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއް، ޑައިރެކްޓަރެއް އަދި ސްކްރީން ރައިޓަރެކެވެ.
މީގެ ކުރިން ވެސް ބޮލީވުޑްގެ ބައެއް ތަރިން ހެލްމެޓް ނާޅައި ދުއްވައިގެން އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.