Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

އިންސާނާގެ ނަފްސަކީ ކޮބާ؟

ބަހުގެ ގޮތުން ބަލާއިރު ނަފްސު މި ލަފްޒުގައި އެތައް ބައިވަރު މާނަތަކެއް އެކުލެވިގެންވެ އެވެ.

1. ފުރާނަ (ރޫޙު): يُقَالُ خَرَجَتْ نَفْسُهُ ބުނެވެއެވެ. އޭނާގެ ނަފްސު ނުކުމެއްޖެ އެވެ. މި ތާނގައި ނަފްސުގެ މާނައަކީ ރޫޙެވެ. (ފުރާނަ އެވެ.)
2. އަލްޢައިން: (އެސްފީނާ) – يُقَالُ أَصَابَهُ نَفْس ބުނެވެއެވެ. އޭނާއަށް އެސްފީނާ ޖެހިއްޖެއެވެ.
3. ނިޔަތް: يُقَالُ فِي نَفْسِ فُلاَنٍ كَذَا وَكَذَا ބުނެވެއެވެ. އެ ވެނި މީހެއްގެ ނިޔަތުގައި އެވެނި މިވެނި ކަމެއްވެ އެވެ.
4. އިންސާނީ ޛާތު: މިއީ އިންސާނާގެ ނަފްސަށް ނިސްބަތްކުރުމެވެ. ތަރުބަވީ ނަފްސާނީ ޢިލްމުގައި ނަފްސު މާނަކުރަނީ މި މާނައިގަ އެވެ.

ކީރިތި ޤުރުއާނުގައި ނަފްސުގެ މާނަ:

1. ރޫޙު (ފުރާނަ): يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ “އޭ ހިތްހަމަޖެހިގެންވާ ނަފްސާއެވެ” މިތަނުގައި ނަފްސުގެ މާނައަކީ ރޫޙެވެ. ނުވަތަ ފުރާނަ އެވެ.
2. އެއްޗެއްގެ ޛާތު ނުވަތަ ޙަޤީޤަތް: މި މާނާގައި އިންސާނާގެ ނަފްސޭ ބުނުމުން އޭގެ މާނައަކީ ޖިސްމަކާއި ރޫޙަކުން އެކުލެވިގެންވާ ޙަޤީޤަތެވެ. ނުވަތަ އިންސާނާގެ ޛާތެވެ. عَلِمَتْ نَفْسٌ مَا قَدَّمَتْ وَأَخَّرَتْ – الانفطار ٥ (އެހިނދު) ކޮންމެ ނަފްސަކަށް އެ ނަފްސެއް އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއް އެނގޭނެތެވެ.
3. އިންސާނީ ޛާތު: މިއީ އިންސާނާގެ ޛާތަށް ނިސްބަތްކޮށް ބުނެވޭ ބުނެވުމެވެ. وَمَا أَصَابَكَ مِنْ سَيِّئَةٍ فَمِنْ نَفْسِكَ- النساء: ٧٩ “އަދި، ތިބާޔަށް ލިބިއްޖެ ދެރަކަމަކީ، ފަހެ، ތިބާގެ އަމިއްލަ ނަފްސުގެ ފަރާތުން އައި ކަމެކެވެ.”
4. އިންސާނާ ހޭވެރިކަމުގެ ހާލަތުގައި ހުންނަ އިރު އޭނާއަށް ކުރެވޭ އިޙްސާސް އަދި ލިބިގަނެވޭ ލިބިގަނެވުންތައް: وَنَعْلَمُ مَا تُوَسْوِسُ بِهِ نَفْسُهُ – ق: ١٦ “އަދި އޭނާގެ ނަފްސު އޭނާޔަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.”
5. އިންސާނުންގެ އަޞްލު: އިންސާނިއްޔަތުގެ ބައްޕަ އާދަމް ޢަލައިހިއްސަލާމް: يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الِّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ – النساء: ١ އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިއިލާހަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! އެއިލާހީ އެންމެ ނަފްސަކުން (އާދަމް ޢަލައިހިއްސަލާމްއިން) ތިޔަބައިމީހުން ހެއްދެވި އިލާހެވެ.
6. ފަރުދުންނަށް ނިސްބަތްކޮށް: هِيَ رَاوَدَتْنِي عَنْ نَفْسِي- يوسف: ٢٦ ނުބައިކަންތަކަށް ތިމަންކަލޭގެފާނުގެ ކިބައިން އެދުނީ، އެކަނބުލޭގެއެވެ. (މިތާނގައި ނަފްސު ނިސްބަތް އެ ކުރަނީ ޔޫސުފް ޢަލައިހިއްސަލާމަށެވެ.)

ކީރިތި ޤުރުއާނުގެ އިތުރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ވެސް ނަފްސު މީގެ ތެރެއިން ބައެއް މާނަތަކުގައި އައިސްފައިވެ އެވެ.

ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.