Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

މަސްފެކްޓަރީން 200 އެއްހާ ވަޒީފާ އުފެދޭނެ. އިސްކަންދޭނީ ހުޅުމީދޫ ރައްޔިތުންނަށް!

ހުޅުމީދޫގައި ސަރުކާރުން ގާއިމް ކުރާ މަސްފެކްޓަރީގެ މަސައްކަތް ނިމުމުން 200 އެއްހާ ވަޒީފާ އެ ތަނުން އުފެދުގެންދާނެ ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރ އަދްލީ އިސްމާއިލް ވިދާޅުވެއްޖެއެވެ.

1500 ޓަނުގެ ކޯލްޑް ސްޓޭރޭޖަކާއި އެކު ހުޅުވާ މަސް ފެކްޓަރީއާއި ގުޅޭ ގޮތުން އަދްލީ ވިދާޅުވީ އެތަން ހުޅުވުމުން ހުޅުމީދޫން ގަިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އަދި މުވައްޒަފުން ނެގުމުގައި ފުރަތަމަ އިސްކަންދޭނީ ހުޅުމީދޫ ރައްޔިތުންނަށް ކަމަށް އަދްލީ ވިދާޅުވިއެވެ.

އަދްލީ އިތުރަށް ވިދާޅުވީ ހުޅުމީދޫ ރައްޔިތުންގެ އިތުރުން އަތޮޅުގެ އެހެނިހެން ރަށްރަށުން ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަށްވެސް ވަޒީފާގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ދުވާލަކު 100 ޓަނުގެ މަސް ރައްކާ ކުރެވޭ ގޮތަށް ހަދާ މި މަސްފެކްޓަރީ ގައި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން ރައްކާ ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އަދްލީ ވިދާޅުވިއެވެ.

އަދި މަސްފެކްޓަރީގެ މަސައްކަތް ނިމުމުން އައްޑޫގެ މަސްވެރިން ކުރިން ކޫއްޑޫ މަސް ކިރަން ދިއުމުގެ ތަކްލީފް ނިމިގެންދާނެ ކަމަށް އަދްލީ ވިދާޅުވިއެވެ.

ހުޅުމީދޫގައި ސަރުކާރުން ގާއިމް ކުރާ މަސްފެކްޓަރީގެ މަސައްކަތް ކުރިއަށްގެންދަނީ ހުޅުމީދޫގެ މަޖްލިސް މެމްބަރު މުހައްމަދު ޝާހިދްގެ ހާއްސަ ބެއްލެވުމުގެ ދަށުންނެވެ. ޝާޑް ވަނީ މަސް ފެކްޓަރީގެ މަސައްކަތް ހަލުވި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެެވެ.

އެގޮތުން މަސްފެކްޓަރީ ހަދާ މިފްކޯވެރިންނާއި ތަފާތު ފަހަރު މަތިން ބައްދަލުކޮށް މަސައްކަތް ހަލުވި ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އަވަސް ކުރުމަށް މަސައްކަތް ކުރައްވާފައެވެ.

ޝާޑް ވިދާޅުވީ މަސްފެކްޓަރީގެ މަސައްކަތް ކަޑައެޅިފައިވާ މުައްދަތުގައި ނިމި ރަށުގެ އަތޮޅުގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.