ރިޝްވަތާއި ކޮރަޕްޝަންގައި ފުލުހުން ނުޖެހުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އިލްތިމާސްކުރައްވައިފި އެވެ.
ފުލުހުންގެ 41ވަނަ އަސާސީ ތަމްރީން ޕްރޮގްރާމް ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ މި މާހައުލުގައި ކޮރަޕްޝަން އެބައޮތް ކަމަށާއި މީހުން ފައިސާ ބަހައި އަދި ފައިސާ ދިއްކުރާނެ ކަމަށެވެ.
"މީހުން މަގާމުގެ ކުރިއެރުމަށް ޕްރޮމިސް ކުރާނެ. މީހުން އުފާވެރި ދިރިއުޅުންތަކާއި ދަތުރުތަކަށް ޕްރޮމިސް ކުރާނެ. އެހެން ނަމަވެސް ތިޔަ ހެއްދެވި ތަމްރީނާއި މިއަދު ތިތިބަ ސާބިތުކަން ދުއްވާލައިގެން ނުވާނެ،" އިހުސާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މުއައްސަސާގައި ޒީރޯ ޓޮލަރެންސް އޮންނާނީ ކޮރަޕްޝަނަށް. މިފަދަ ބަލި މަޑުކަމެއްގައި އެއްވެސް ފުލުހަކު ނުޖެހުމަކީ އަޅުގަނޑު ދޭ ނަސޭހަތެއް،"
އިހުސާން ވިދާޅުވީ މިގޮތުގައި މަސައްކަތްކޮށްފި ނަމަ ރައްޔިތުން އެދޭފަދަ އަމާން ރާއްޖެއެއް ގާއިމުވެގެންދާނެ ކަމަށެވެ. އަދި ފުލުހުންގެ ތަމްރީނަށް ފަހު ޚިދުމަތާއި ގުޅޭ އޮފިސަރުން ވެސް އެންމެ އިސްކަމެއް ދޭންވާނީ ރާއްޖޭގައި ކުރާ ބޮޑެތި ކުށްތަކާ ދެކޮޅަށް މަސައްކަތްކޮށް، ރައްޔިތުން އެދޭ މިންވަރަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް އިހުސާން ވިދާޅުވި އެވެ.
މީގެއިތުރުން އިހުސާން ވަނީ ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތަށްވެސް އަލިއަޅުވާލާފަ އެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެ ޚިދުމަތް ދޭން ފަށާފަވާއިރު، ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ އިދާރާއެއް ޤާއިމުކުރުމުގެ މަސައްކަތްތައްވެސް މިހާރު ފެށިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި 140އަށްވުރެ ގިނަ ރަށުގައި މި މަސައްކަތް ކުރިއަށް އޮތް އަހަރެއްހާ މުއްދަތުގެ ތެރޭގައި ނިންމާނެކަމަށް ވިދާޅުވި އެވެ.