އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ބޯންމަތް ބައްދަލުކުރި މެޗު 4-4 އިން އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާއެކު 16 މެޗުން 26 ޕޮއިންޓު ހޯދައިގެން ޔުނައިޓެޑް އޮތީ ލީގުގެ ހަވަނައިގަ އެވެ. ބޯންމަތް އޮތީ 16 މެޗުން ލިބުނު 21 ޕޮއިންޓާ އެކު ލީގުގެ 13 ވަނައިގަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 13 ވަނަ މިނެޓްގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ އަމަޑް ޑިއާލޯ އެވެ. މި ގޯލަށްފަހު ލީޑު ފުޅާކޮށްލަން ލިބުނު ފުރުސަތުތަކުގެ ބޭނުން ޔުނައިޓެޑަށް ނުހިފުނުއިރު، މެޗުގެ 40 ވަނަ މިނެޓްގައި ސެމެންޔޯ ވަނީ ބޯންމަތަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ކަސެމީރޯ ވަނީ ޔުނައިޓެޑަށް އަލުން ލީޑު ނަގައިދީފަ އެވެ.
ދެވަނަ ހާފް ފެށުނުތަނާ މާގިނަ އިރުތަކެއް ނުވަނީސް އެވަނިލްސަން ބޯންމަތަށް ނަތީޖާ އެއްވަރުކޮށްދިނެވެ. އަދި އޭގެ ހަ މިނެޓް ފަހުން ބޯންމަތަށް ލިބުނު ހިލޭޖެހުމަކުން މާކަސް ޓަވެނިއޭ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 77 ވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމަކުން ބްރޫނޯ ފެނާންޑޭސް އެވެ. އަދި އޭގެ ދެ މިނެޓް ފަހުން މަތިއުސް ކުންޔާ ޔުނައިޓެޑްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް އަލުން ލީޑު ނަގައިދިނެވެ.
މި ގޯލާއެކު ޔުނައިޓެޑް މޮޅުވާން ދަނިކޮށް މެޗުގެ 84 ވަނަ މިނެޓްގައި ބޯންމަތަށް ނަތީޖާ އެއްވަރުކޮށްދިނީ އުމުރުން 19 އަހަރުގެ އެލީ ޖޫނިއާ ކްރޫޕީ އެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ބޯންމަތްގެ ޑޭވިޑް ބްރުކްސް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ހުޝިޔާރުކަމާއެކީ ދިފާއުކުރީ ޔުނައިޓެޑްގެ ގޯލްކީޕަރު ލަމެންސް އެވެ.
ޕްރިމިއާ ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ތިންވަނައިގައި އޮތް އެސްޓަންވިލާއާ އެވެ.