ރާއްޖޭގެ ގެސްޓްހައުސް ޓޫރިޒަމް އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމުގެ ގޮތުން ސާވޭއެއްގެ މަސައްކަތް ފަށައި ފިއެވެ.
ޓޫެރިޒަމް މިނިސްޓްރީން ބުނީ މި ސާވޭގެ މައިގަނޑު މަޤްޞަދަކީ ކޮމިއުނިޓީ ބެސްޑް ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި، ސިޔާސަތުތައް އެކުލަވާލުން އިތުރަށް ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ މުހިންމު މައުލޫމާތު އެއްކުރުން ކަމަށެވެ.
މި ސާވޭގެ މަސައްކަތް ފެށީ މަހުގެ 4 ގަ އެވެ. ސާވޭ މި މަހުގެ 27 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.
މި ސާވޭއިން އަގުހުރި މައުލޫމާތުތައް އެއްކުރެވޭނެއީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ހިންގާ ގެސްޓްހައުސް ހިންގާ ފަރާތްތަކާއި، މިފަދަ ރަށްރަށުގެ ރައްޔިތުންނާއި، އަދި އެ ރަށްރަށަށް ޒިޔާރަތްކުރާ ޓޫެރިސްޓުންގެ ފަރާތުންނެވެ. މި ތިން ބައިގެ މައުލޫމާތުތަކުގެ ސަބަބުން ކޮމިއުނިޓީ ޓޫރިޒަމްގެ ތަފާތު ތަޖުރިބާތަކާއި ހިޔާލުތައް އެނގިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިހާތަނަށް ސާވޭ މާލެ ސަރަހައްދުން ހުޅުމާލެ އާއި ކ. މާފުއްޓާއި ދިއްފުށީގައި ކުރިއަށް ގެންގޮސްފައިވެ އެވެ. ކުރިއަށް އޮތް މުއްދަތުގެ ތެރޭގައި ސާވޭ ކުރިއަށްދާނެ ރަށްތަކުގެ ތެރޭގައި އއ. ތޮއްޑޫ، އދ. ދިގުރަށް، ވ. ކެޔޮދޫ، ބ. ފުޅަދޫ، އަދި ބ. ފެހެންދޫ ހިމެނެ އެވެ.
މި ސަރވޭގެ ނަތީޖާއިން ލިބޭ މައުލޫމާތަކީ ރާއްޖޭގެ ކޮމިއުނިޓީ ބެސްޑް ޓޫރިޒަމްގެ ކުރިމަގު ބައްޓަން ކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.