Last Updated: June 13, 14:05
Saturday, June 13, 2026
މުނިފޫހިފިލުވުން

މައިކަލް ބޭ ބޮލީވުޑްގެ ފިލްމެއްގައި މަސައްކަތް ކުރަނީ

"ޕާލް ހާބާ" އާއި "ޓްރާންސްފޯމާސް" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދީފައިވާ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު މައިކަލް ބޭ ބޮލީވުޑްގެ ޕްރޮޖެކްޓެއްގައި މަސައްކަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިކަން މިހާރު ރަސްމީކޮށް އިއުލާން ވެސް ކޮށްފައިވާ އިރު، ކުޅަދާނަ ޑައިރެކްޓަރު މުޅިން އަލަށް މަސައްކަތް ކުރަން ހަމަޖެހިފައިވާ އިންޑިއާގެ ޕްރޮޖެކްޓަކީ ޕްރޮޑިއުސަރު ވިނޯދް ބަނުޝާލީގެ ބަނުޝާލީ ސްޓޫޑިއޯ އަށް އެންތަނީ ޑި ސޫޒ ޑައިރެކްޓްކުރާ ފިލްމެއްގަ އެވެ.

އެންތަނަކީ އަކްޝޭ ކުމާރުގެ "ބްލޫ" އާއި "ބޮސް" ގެ އިތުރުން އިމްރާން ހާޝިމީގެ "އަޒްހަރު" ގެނެސްދިން ޑައިރެކްޓަރެވެ.

މައިކަބް ބޭ ކްރިއޭޓިވް ހެޑެއްގެ ގޮތުގައި ހިއްސާވާ ގޮތަށް އެންތަނީ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމާ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ މީގެ ނަމާއި ކާސްޓުންނަކީ ކޮބައި ކަމެއް ވެސް އަދި ނޭނގެ އެވެ. ނަމަވެސް މި ފިލްމުގެ މިއުޒިކް ހަދާނީ އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ އޭއާރް ރަހްމާނުކަން އިއުލާންކޮށްފައިވެ އެވެ.

އިންޑިއާގެ ޕްރޮޖެކްޓަކާ އަލަށް ހިއްސާވުމާ ގުޅޭ ގޮތުން މައިކަލް ބުނީ ހޮލީވުޑްގެ އެކްޝަން ސްޓައިލްގެ ފިލްމެއް އިންޑިއާހެ ފިލްމެއްގެ ވާހަކައަކުން ކިޔައިދޭން ހިއްސާވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އެހެންވެ އިންޑިއާގެ މި ޓީމާ އެކު ވަރަށް ތަފާތު އެއްޗެއް ގެނެސްދެވޭނެކަމުގެ އުންމީދު ވަރަށް ބޮޑު،" އޭނަ ބުންޏެވެ. މި ޕްރޮޖެކްޓާ މެދު ވަރަށް އުފަލުން މި ހުރީ."

ވިލް ސުމިތުގެ "ބޭޑް ބޯއިސް" ގެ ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ މައިކަލް، 60، ގެ އެންމެ ފަހުުގެ މަސައްކަތަކީ މި އަހަރުގެ މާޗްގައި ގެނެސްދިން ޑޮކިއުމަންޓަރީ ފިލްމު "ވީ އާ ސްޓޯރޯ" އެވެ. އޭނަގެ އެންމެ ފަހުގެ ފިޗާ ފިލްމަކީ 2022 ގެ އެކަން ތުރިލާ "އެމްބިއުލާންސް" އެވެ.