އަކްޝޭ ކުމާރާ އެކު ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަކަން ޑައިރެކްޓަރު އަނީސް ބަޒްމީ ކަށަވަރުކޮށް ދީފި އެވެ.
ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެ މީހުންގެ އާ ފިލްމަކީ އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ "ރާމް އޯރް ޝާމް" އެވެ. އަދި މީއީ އަކްޝޭގެ ޑަބަލް ރޯލެއް ފެންނާނެ ކަމަށް ބުނެފައިވެ އެވެ. އަދި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަކްޝޭއާ އެކު އަނީސް ހަދަން ނިންމާފައި ވަނީ މި އަހަރު ތެލެގޫ އެކްޝަން ކޮމެޑީ "ސަންކްރަންތިކީ ވަސްތުނަމް" އަސްލަކަށް ބަލައިގެން ހަދަން ނިންމާފައިވާ ފިލްމެކެވެ.
ނަމަވެސް އެފަދަ އެެއްވެސް ވާހަކައެއް ކަށަވަރުކޮށް ނުދީ މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި އަނީސް ބުނީ އަކްޝޭއާ އެކު ހަދަން އުޅޭ ފިލްމުގެ ސްކްރިޕްޓް މިހާރު އެއްކޮށްހެން ނިމިފައިވާ ކަމަށެވެ.
"ޕްލޭންކޮށްފައިވާ ގޮތަށް ކަންކަން ދާ ނަމަ ވަރަށް އަވަހަށް ފިލްމުގެ ޝޫޓިން ވެސް ފަށާނަން." ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ބުންޏެވެ.
އަނީސް އާއި އަކްޝޭ އެކީގައި އެންމެ ފަހުން މަސައްކަތްކުރީ 2011 ގެ "ތޭންކް ޔޫ" ގަ އެވެ. އެ ދެ މީހުން އެކީގައި މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި 2007 ގެ "ވެލްކަމް" އާއި 2008 ގެ "ސިންގް އިޒް ބްލިިންގް" ހިމެނެ އެވެ.
އަނީސް ބުނީ އަކްޝޭއާ އެކު ފިލްމެއްގެ މަސައްކަތް ނުކުރާތާ ގިނަ ދުވަސްތަކެއް ވިޔަސް އެ ދެ މީހުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށެވެ.
"އާ ފިލްމުގެ ވާހަކަ އަހަރެން އޭނައާ ހިއްސާކުރީމަ ވަރަށް ބޮޑަށް އުފާވެފައި އަކްޝޭ ހުރީ،" އޭނަ ބުންޏެވެ.
"ދީވާންގީ" އާއި "ޕިޔާރު ތޯ ހޯނާ ހީތާ" އަދި "ނޯ އެންޓްރީ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން އަނީސްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބޫލް ބުލައްޔާ 3" އެވެ.
އަނީސް ހަދަން ނިންމާފައިވާ ފިލްމުތަކުގެ ތެރޭގައި "ނޯ އެންޓްރީ" ގެ ސީކްއެލް "ނޯ އެންޓްރީ މޭ އެންޓްރީ" ވެސް ހިމެނެ އެވެ.