Last Updated: June 6, 20:36
Saturday, June 6, 2026
މުނިފޫހިފިލުވުން

'ބޯޑާ 2' ގެ ޓީޒާ ދައްކާލައިފި

އަންނަ މަހު ސިނަމާތަކަށް ދޫކޮށްލަން ނިންމާފައިވާ ބޮލީވުޑްގެ ފިލްމު "ބޯޑާ 2" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.

މި ފިލްމަކީ 1997 ގެ "ބޯޑާ" އާ ގުޅުވައިގެން ގެނެސްދޭ ހަމަ އެ ޒާތުގެ ވަތަނީ ހަނގުރާމައިގެ ފިލްމެކެވެ. އެގޮތުން "ބޯޑާ 2" ގައި ކިޔައި ދޭނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގައި ދިޔަ ހަނގުރާމައިގެ ވާހަކަ އެވެ.

އަންނަ މަހުގެ 23 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ކުރީގެ ފިލްމުގެ ޑައިރެކްޓަރު ޖޭޕީ ދައްތާގެ ޖޭޕީ ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

މީގެ ޑައިރެކްޓަރަކީ 2019 ގެ "ކޭސަރީ" ގެނެސްދިން އަނޫރާގް ސިންގް އެވެ. "ބޯޑާ 2" ގެ ލީޑް އެކްޓަރުންނަކީ ފުރަތަމަ ބައިގައި ވެސް މުހިއްމު ރޯލެއް ކުޅުނު ސަނީ ޑިއޯލްގެ އިތުރުން ވަރޫން ދަވަނާއި ދިލްޖީތު ދޮސަންޖް އަދި އަހާން ޝެޓީ އެވެ. އަހާން އަކީ "ބޯޑާ" ގެ ރޯލެއް ކުޅުނު ސުނިލް ޝެޓީގެ ދަރިފުޅެވެ.

އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބޯޑާ 2" ގެ ބަތަލާއިންނަކީ ސޯނަމް ބަޖްވާ އާއި މޯނާ ސިންގް އަދި އާ ބަތަލާ މޭދާ ރާނާ އެވެ.