ނަރުހުންނާއި ޓީޗަރުންނާއި ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން ހުއްޓުވަން، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްފި އެވެ.
ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދު އިސްލާހުކޮށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހު ގެޒެޓުގައި އާންމުކުރި އިސްލާހުގައިވާ ގޮތުން، ބިދޭސީންނަށް ވަޒީފާ ނުދެވޭނެ ދާއިރާތައް ކަމަށް ވަޒީރުންގެ މަޖިލީހުން ކަނޑައެޅި ދާއިރާތަކުން މިހާރު ދޫކޮށްފައިވާ ކޯޓާތައް ބާތިލުކުރަން ވަނީ
އެގޮތުން ހެއާ ޑްރެސަރުންނާއި ބިއުޓީޝަނުންނާއި ކުޑަކުދިން ބަލަހައްޓާ މީހުންނާއި ޕާސަނަލް ޓްރެއިނަރުންނާއި ކަރަންޓު މަސައްކަތްކުރާ މީހުންނާއި އިނގިރޭސި ބަސް ދަންނަ ގެސްޓު ރިލޭޝަންސް އޮފިސަރުންނާއި ޓުއާ ގައިޑުންނާއި އެކައުންޓަންޓުންނާއި އިމާމުންގެ މަގާމުތަކަށް، ދެ އަހަރު ފަހުން ބިދޭސީ މަސައްކަތްތެރިންނަށް ކޯޓާ ދޫކުރުން ނިމުމަކަށް ގެނެސް ކޯޓާތައް ބާތިލުކުރަން ވާނެ ކަމަށް ބުނެފައިވެ އެވެ.
އަދި ޑައިވަރުންނާއި ނަރުހުންނާއި އިމާރާތްތައް ބަލައި ސާވޭކުރާ މީހުންނާއި ސައިޓް ސުޕަވައިޒަރުންނާއި ޕައިލަޓުންނާއި ފޮޓޯގްރާފަރުންގެ މަގާމުތަކަށް ތިން އަހަރު ފަހުން ބިދޭސީ މަސައްކަތްތެރިންނަށް ކޯޓާ ދޫކުރުން ނިމުމަކަށް ގެނެސް ކޯޓާތައް ބާތިލުކުރަން ޖެހެ އެވެ.
މީގެއިތުރުން އިންޖިނޭރުންނާއި ޑައިވް އިންސްޓްރަކްޓަރުންގެ މަގާމުތަކަށް ހަތަރު އަހަރު ފަހުން ކޯޓާ ދޫކުރުން ނިމުމަކަށް ގެންނަން ޖެހޭއިރު، ފަސް އަހަރު ފަހުން ހައުސްކީޕިން މެނޭޖަރުންނާއި ހިއުމަން ރިސޯސް މެނޭޖަރުންނާއި ފްރަންޓް އޮފީސް މެނޭޖަރުންނާއި ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗަރުންގެ މަގާމުތަކަށް ކޯޓާ ދޫކުރުން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.