Last Updated: July 8, 13:59
Wednesday, July 8, 2026
ޚަބަރު

މާލެއިން މީދާ މަދުކުރަން ކައުންސިލުން ނިކުމެއްޖެ

މާލޭގައި މީދާ ގިނަވުމުގެ ސަބަބުން، ރައްޔިތުންނަށް ކުރިމަތިވަމުންދާ އުދަގޫތައް ހައްލުކުރުމަށް ޓަކައި، މާލެ ސިޓީ ކައުންސިލުން ޚާއްޞަ ހަރަކާތެއް މިއަދު ފަށައިފި އެވެ.

މި ހަރަކާތް ރަސްމީކޮށް ފަށައިދިނީ މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމެވެ.

މާލޭގެ އެންމެ ކާރުބާރުބޮޑު އެއް ސަރަހައްދު ކަމަށްވާ ލޯކަލް މާރުކޭޓް ސަރަހައްދުން، މި ހަރަކާތް ފަށައިފައިވަނީ، މިއަދު ހެނދުނެވެ. މާލޭގައި މީދާ ގިނަ ވުމުގެ ސަބަބުން، އާންމު ރައްޔިތުންނަށް އޭގެ އުނދަގޫ އިންތިހާއަށް ކުރިމަތިވަމުން އަންނަ ކަމުގެ ގިނަ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.

މާލެއިން މީދާ މަދުކުރުމުގެ ހަރަކާތް ފަށައި ދެމުން މޭޔަރު ޢާޒިމް ވިދާޅުވީ، މި ހަރަކާތް މިއަދު ލޯކަލް މާރުކޭޓް ސަރަހައްދުގައި ފެށުނު ކަމުގައި ވިޔަސް، ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އެކި ސަރަހައްދުތަކުގައި މިހަރަކާތް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ހަރަކާތް ހިންގަނީ ކައުންސިލްގެ މުވައްޒަފުން ކަމަށާއި، މީދާ މަރާނީ، މީދާ މަރާ ބޭސް، އެކި ތަންތަނަށް އަޅައިގެން ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި މި ހަރަކާތުގެ ސަބަބުން މާލޭގެ ސާފުތާހިރުކަން އިތުރުވެ، ރައްޔިތުންނަށް ކުރިމަތިވަމުންދާ، މީދާގެ އުދަގޫތައް ކުޑަވެގެންދާނެކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

މި ހަރަކާތުގެ ތެރެއިން މީދާ މަރުވުމުން، އެ މީދާތައް އެއްކޮށް ނެގުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަރަކާތަކީ މާލެ ސިޓީ ކައުންސިލްގެ ހެލްތް ޕޮލިސީގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.