Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ކުންފުނިތަކަށް އިންފޮމޭޝަން އޮފިސަރުން ލާން އަންގައިފި

ޕީސީބީގެ މެންބަރުންތެއް ބައްދަލުވުމެއްގައި.

ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިންފޮމޭޝަން އޮފިސަރުން އައްޔަން ކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އަންގައިފި އެވެ.

އެތަނުން ނެރުނު ސާކިއުލާއެއްގައި ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ކުންފުނިތަކުން ހޯދަން އެދި ހުށަހަޅާ މައުލޫމާތު ފޯރުކޮށް ދިނުމުގެ ޒިންމާ އަދާކުރުމަށް ހާއްސަ އޮފިސަރުން އައްޔަން ކުރަން ޖެހޭނީ އެ ކުންފުނިތަކުގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށެވެ. އަދި އިންފޮމޭޝަން އޮފިސަރުންނަކީ ގާނޫނަށް ފަރިތަ އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ ބެހޭ އެންމެހާ އުސޫލުތަކަށް ފަރިތަ ބަޔަކަށްވުމަކީ މުހިންމު ކަމެއް ކަމަށް ވެސް ބުންޏެވެ.

ޕީސީބީން ބުނީ އައްޔަން ކުރެވޭ އިންފޮމޭޝަން އޮފިސަރު ބޭނުންކުރާ އީމެއިލް އެޑްރެހަކީ އާންމު އެއް އީމެއިލް އެޑްރެހަކަށްވުން މުހިންމު ކަމަށާއި އެކަމުގެ ސަބަބުން އިންފޮމޭޝަން ކޮމިޝަނަރު ބަދަލުވާ ހާލަތުގައި ވެސް އާރުޓީއައިތަކަށް ފަސޭހައިން ޖަވާބުދެވޭނެނެ ކަމަށެވެ.

ޕީސީބީން ވަނީ އެތަނުން އަންގާ އެންގުންތަކަށް ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ތަބާވުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެއްކަން ވެސް ހަނދާންކޮށްދީފަ އެވެ.