މާލޭގައި ހިންގާ 52 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިފަދަ ތަންތަން ބެލެހެއްޓުމުގެ މަސައްކަތް ފުލުހުންނާއި އިމިގްރޭޝަނުން ކުރަމުން އަންނަ ކަމުގައި ވިޔަސް، ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުންތަކުގައި މިކަމުގެ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ސަރުކާރުން މިކަމަށް އިތުރު އަހަންމިއްޔަތުކަމެއް ދިން ކަމަށެވެ.
އެގޮތުން، މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކުރެވުނު މަސައްކަތުން ޖުމްލަ 52 މަސާޖް ޕާލާއެއް ބަންދުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރެއިން 24 ތަނަކީ އޮޕަރޭޝަނުގެ ތެރެއިން ބަލައި ފާސްކޮށް ބަންދުކޮށްފައިވާ ތަންތަން ކަމަށާއި، ބާކީ 28 ތަނަކީ ފުލުހުންނާއި އިމިގްރޭޝަނުން އެފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދާތީ އަމިއްލައަށް ހުއްޓާލައި، ވިޔަފާރި ބަންދުކޮށްފައިވާ ތަންތަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ ހިޔާލަށް އިޖާބަދީގެން، މި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މަސައްކަތް ފެށުމުން ނަތީޖާ ރަނގަޅު ކަމަށެވެ. އަދި މިކަން ކުރިއަށްދާނެ ކަމަށާއި، ގަވާއިދާ ހިލާފަށް ތިބޭ ބިދޭސީން ހައްޔަރުކޮށް، އެމީހުން ޑިޕޯޓް ކުރުމުގެ މަސައްކަތް ނުވަތަ އެފަދަ އެހެން ފިޔަވަޅުތައް ވެސް އަޅަމުން އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.