ކާޑިފް ސިޓީ 3-1 އިން ބަލިކޮށް އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލަށް ޗެލްސީ ދަތުރުކޮށްފި އެވެ.
ކާޑިފްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، ދެވަނަ ހާފުގައި ޗެލްސީން ވަނީ ބަދަލުތަކެއް ގެނެސް ކުޅުން ރަނގަޅުކޮށްފަ އެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓްގައި ޗެލްސީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލެހަންދްރޯ ގަނާޗޯ އެވެ.
މެޗުގެ 75 ވަނަ މިނެޓްގައި ޑޭވިޑް ޓާންބުލް ކާޑިފަށް ނަތީޖާ އެއްވަރުކޮށްދިން އިރު، މެޗުގެ 82 ވަނަ މިނެޓްގައި ޗެލްސީއަށް އަލުން ލީޑު ނަގައިދިނީ ޕެޑްރޯ ނެޓޯ އެވެ. އަދި ޗެލްސީގެ ތިންވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ގަނާޗޯ އެވެ.
ލީގު ކަޕްގެ ސެމީގައި ޗެލްސީ ބައްދަލުކުރާނެ ޓީމެއް އެނގޭނީ، މުބާރާތުގެ ކުއާޓާފައިނަލްގައި މިރޭ ކުޅޭ މެޗުތަކަށް ފަހު ނަގާ ގުރުއަތުލުމުންނެވެ.
މުބާރާތުގެ ސެމީގައި މިރޭ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ މެންޗެސްޓާ ސިޓީ އާއި ބްރެންޓްފޯޑް ބައްދަލުކުރާ މެޗާއި، ނިއުކާސަލް ޔުނައިޓެޑާއި ފުލަމް ބައްދަލުކުރާ މެޗެވެ. އަދި އަންނަ ހަފްތާގައި އާސެނަލް އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރާ މެޗު އޮންނާނެ އެވެ.