Last Updated: July 8, 14:17
Wednesday, July 8, 2026
ކުޅިވަރު

ފީފާގެ މޮޅު ކުޅުންތެރިޔަކީ ޑެމްބެލޭ

މި އަހަރުގެ ފީފާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ޕީއެސްޖީއަށް ކުޅޭ ފްރާންސްގެ އޮސްމާނޭ ޑެމްބެލޭ އަށް ލިބިއްޖެ އެވެ.

މި އެވޯޑު ޑެމްބެލޭ ހޯދީ ބާސެލޯނާގެ އުމުުން 18 އަހަރުގެ ލަމީން ޔަމާލް އާއި ރެއާލްގެ މެޑްރިޑްގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭއާ ވާދަކޮށްގެންނެވެ.

ފީފާގެ މޮޅު ކުޅުންތެރިއާގެ އެވޯޑު ޑެމްބެލޭ ހޯދިއިރު، ފްރާންސުގެ މަޝްހޫރު ކުޅިވަރު މަޖައްލާ ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑު ވެސް މިއަހަރު ހޯދީ ޑެމްބެލޭ އެވެ.

ޑެމްބެލޭ ،28، ވަނީ މިދިޔަ ސީޒަނުގައި ޕީއެސްޖީގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން އޭނާ ވަނީ މިދިޔަ ސީޒަނުގައި ޕީއެސްޖީއަށް ކުޅެދިން 53 މެޗުގައި 35 ގޯލު ކާމިޔާބުކޮށް 14 އެސިސްޓް ހަދައިފަ އެވެ.

އަދި ޕީއެސްޖީގެ ތާރީހުގައި އެ ކްލަބަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމުގައި ވެސް މުހިއްމު ދައުރެއް ޑެމްބެލޭ ވަނީ އަދާކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ޑެމްބެލޭ ވަނީ ޕީއެސްޖީއާއެކު ފްރާންސް ލީގާއި ފްރެންޗު ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.