ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)އިން މިރޭ ބާއްވަން ނިންމާފައިވާ ޖަލްސާއަށް ކަރަންޓު ދޭން ސްޓެލްކޯއިން ދެކޮޅު ހެދިޔަސް، ކަރަންޓާއި ނުލައި ވެސް ޖަލްސާ ބާއްވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީއެންއެފުން "ރިސެޓް" ގެ ނަމުގައި ބާއްވާ މި ޖަލްސާ އޮންނާނީ މިރޭ އާޓިފިޝަލް ބީޗުގަ އެވެ. މި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ކަރަންޓަކީ އަސާސީ ހައްގެއް ކަމަށާއި ޕީއެންއެފުގެ ފަރާތުން ބާއްވާ އިވެންޓަށް ކަރަންޓު ނުދިނުމުގެ ނިޔަތުގައި ނޫނީ ޖެއްސުން ކުރުމުގެ ނިޔަތުގައި މިއީ ސްޓެލްކޯއިން އަލަށް ކުރާ ކަމެއް ނޫން ކަމަށެވެ.
"ޕީއެންއެފްގައި، ރައީސް ޔާމީންގެ ހުންނާނެ ހިތްވަރު ކަރަންޓާ ނުލާ ވެސް މި ޖަލްސާ ބާއްވަން،" މަލީހު ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ މިފަދަ ކަންކަމުން ފެނިގެންދަނީ މި ސަރުކާރުން ޕީއެންއެފް ދެކެ ޖެހިލުންވާ މިންވަރާއި ޕީއެންއެފްގެ ސިޔާސީ މަސައްކަތް ކާމިޔާބުވަމުންދާ މިންވަރު ކަމަށެވެ. ޖަލްސާއަށް ހުރަސް އަޅަން ބޭނުންވަނީ އެފަދަ ކަންކަން ހަޖަމު ނުވާތީ ކަމަށްވެސް މަލީހު ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން ސްޓެލްކޯ އިން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ޕީއެންއެފުން މިރޭ ބާއްވާ ޖަލްސާގައި ބޮޑު "ސަޕްރައިޒެއް" އޮންނާނެ ކަމަށާއި މި ޖަލްސާ ވެގެންދާނީ ސަރުކާރުގެ އިސް ބޭފުޅުން ނިދި ނުކުރައްވާނެ ވަރުގެ ޖަލްސާއަކަށް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ޕީއެންއެފުން ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި "ވޭކް އަޕް" ގެ ނަމުގައި ވެސް މާލޭގައި ޖަލްސާއެއް ބާއްވާފަ އެވެ.