Last Updated: June 13, 14:05
Saturday, June 13, 2026
މުނިފޫހިފިލުވުން

'ނާގިން 7' ގެ ޕްރީމިއާ 27 ގައި

އިންޑިއާގެ މަޝްހޫރު ޕްރޮޑިއިސަރު އެކްތާ ކަޕޫރްގެ ބާލާޖީ ގެނެސްދެމުން އަންނަ ސުޕަނެޗްރަލް ސިލްސިލާ "ނާގިން" ގެ 7 ވަނަ ސީޒަން މި މަހުގެ 27 ގައި ޕްރީމިއާ ކުރަން ތައްތާރުވެއްޖެ އެވެ.

މި ޝޯގެ ޕްރޮމޯތަކެއް ވެސް މި ސިލްސިލާ ގެނެސްދޭ ކަލާސް ޓީވީން ދައްކާތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ.

"ނާގިން" އަކީ ހަރުފަޔަކަށް ބަދަލުވާ އަންހެނެއްގެ ވާހަކަ ކިޔައި ދެމުން އަންނަ، ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ސިލްސިލާއެކެވެ.

ހަތް ވަނަ ސީޒަންގައި ނާގިންގެ ރޯލުން ފެންނާނީ މަޝްހޫރު ޓީވީ ބަތަލާ ޕްރިޔަންކާ ޗަހާރް ޗައުދަރީ އެވެ. މި ސިލްސިލާ އޭނަ އަށް އެކްތާ އޮފާކުރީ ކަލާސްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 16 ވަނަ ސީޒަންގައި ވާދަކުރި ދުވަސްވަރު 2022 ގަ އެވެ.

"ނާގިން 7" ޕްރީމިއާ ކުރާ ތާރީހު ގާތްވަމުން އަންނަ އިރު، އާ ސީޒަނުން ބޮޑެތި ތަފާތުތަކެއް ފެންނާނެ އެވެ. އެގޮތުން މީގެ ވާހަކައިގައި މި ފަހަރު ޑްރެގަންއެއް ހިއްސާވެ އެވެ. އެހެންވެ އެއީ ވަރަށް ބޮޑު ބަދަލަކަށް ވާނެ އެވެ.

"ނާގިން" އަކީ 2015 އިން ފެށިގެން ގެނެސްދެމުން އަންނަ އެއްޗެކެވެ. މީގެ 6 ވަނަ ސީޒަން 146 އެޕިސޯޑާ އެކު ގެނެސްދިނީ ފެބްރުއަރީ 12، 2022 އިން ޖުލައި 9، 2023 އަށެވެ. އެ ސީޒަންގެ ލީޑް ބަތަލާ އަކީ ތޭޖާސްވީ ޕްރަކާޝް އެވެ.