Last Updated: June 6, 19:23
Saturday, June 6, 2026
މުނިފޫހިފިލުވުން

'ހޯމްބައުންޑް' އޮސްކާ އަށް ޝޯޓްލިސްޓްވެއްޖެ

އަންނަ އަހަރުގެ އޮސްކާ އެވޯޑްގެ އެންމެ މޮޅު ބޭރު ފީޗާ ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން ހުށަހެޅި ފިލްމު "ހޯމްބައުންޑް" އެ ކެޓަގަރީ އަށް ޝޯޓްލިސްޓްވެއްޖެ އެވެ.

މި އަހަރުގެ ސެޕްޓެމްބަރުގައި ރިލީޒްކުރި މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ނީރަޖް ގިއަވަން ލިޔެ، ޑައިރެކްޓްކުރި ޑްރާމާ ފިލްމެކެވެ. ޒުވާން ދެ އެކުވެރިޔަކު އެ މީހުންގެ ހުވަފެންތައް ހަގީތަކަށް ހަދަން ގިރާކުރާ ހުރަސްތައް ދައްކުވައި ދިން "ހޯމްބައުންޑް" ގެ ޑައިރެކްޓަރަކީ ބޭރުގެ ވަރަށް ގިނަ ފެސްޓިވަލްތަކަށް ގެންގޮސް ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2015 ގެ "މަސާން" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.

ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު މާޓިން ސްކޮސީސް އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެފައިވާ "ހޯމްބައުންޑް" ގެ ތަރިންނަކީ އިޝާން ޙައްތަރާއި ވިޝާލް ޖެތުވާގެ އިތުރުން ޖާންވީ ކަޕޫރެވެ.

މި ފިލްްމު އޮސްކާގެ އެންމެ މޮޅު ބޭރު ފީޗާ ފިލްމު ކެޓަގަރީ އަށް ޝޯޓްލިސްޓްވުމާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ.

އިންޑިއާ އިން ކޮންމެ އަހަރަކު ވެސް އޮސްކާގެ ފީޗާ ފިލްމު ކެޓަގަރީ އަށް ފިލްމު ހުށަހެޅި ނަމަވެސް މި ފަހުގެ ތާރީހެއްގައި އެއްވެސް ފިލްމެއް ޝޯޓްލިސްޓެއް ވެސް ނުވެ އެވެ.

މި ފަހަރުގެ އެ ކެޓަަގަރީ އަށް 15 ފިލްމެއް ޝޯޓްލިސްޓްވެފައިވެ އެވެ.

އެގޮތުންނ "ހޯމްބައުންޑް" އާ އެކު ބޭރުގެ ފީޗާ ފިލްމު ކެޓަގަރީ އަށް ޝޯޓްލިސްޓްވި ފިލްމުތަކަކީ އާޖެންޓީނާގެ "ބެލެން"، ބްރެޒިލްގެ "ދަ ސީކްރެކްޓް އޭޖެންޓް"، ފްރާންސްގެ "އިޓް ވޯޒް ޖަސްޓް އޭން އެކްސިޑެންޓް"، ޖަރުމަންގެ "ސައުންޑް އޮފް ފޯލިން"، އިރާގުގެ "ދަ ޕްރެޒިޑެންޓްސް ކޭކް"، ޖަޕާންގެ "ކޮކޫހޯ"، ޖޯޑަންގެ "އޯލް ދެޓްސް ލެފްޓް އޮފް ޔޫ"، ނޯވޭގެ "ސެންޓިމެންޓަލް ވެލިއުސް"، ފަލަސްތީނުގެ "ޕަލަސްޓައިން 36"، ދެކުނު ކޮރެއާގެ "ނޯ އަދާ ޗޮއިސް"، ސްޕެއިންގެ "ސިރަތު"، ސްވިޓްޒަލޭންޑްގެ "ލޭޓް ޝިފްޓް"، ޓައިވާންގެ "ލެފްޓް ހޭންޑެޑް ގާލް" އަދި ޓިއުނީޝިއާގެ "ދަ ވޮއިސް އޮފް ހިންދު ރަޖަބް" އެވެ.

އަންނަ އަހަރު ބާއްވާ 98 ވަނަ އޮސްކާ އެވޯޑްސް ހަފުލާ އޮންނާނީ މާޗް 15 ގަ އެވެ. ރޭ ވަނީ އޮސްކާގެ 12 ކެޓަގަރީއަކަށް ޝޯޓްލިސްޓްވި ފިލްމުތައް އިއުލާންކޮށްފަ އެވެ.

އޮސްކާ ނުވަތަ އެކަޑެމީ އެވޯޑަކީ ފިލްމީ ދާއިރާ އިން ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ.