މި ސަރުކާރުން ކައުންސިލްތަކުގެ އަގުވެއްޓޭ ގޮތަށް ވާހަކަ ދައްކާތީ ކައުންސިލްތަކަށް ކުރިމަތިލާން ޒުވާނުން ފަސްޖެހޭ ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ މާލޭގައި ބޭއްވި ހަރުގެ ޖަލްސާގައި ވީޑިއޯ ކޯލަކުން ވާހަކަ ދައްކަވަމުން އޭނަ ވިދާޅުވީ ގާބިލު ޒުވާނުން ކައުންސިލްތަކަށް ކުރިމަތިލާން ޖެހޭ ނަަމަ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ކުރިމަގަށް އޮތް ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އޭނަ ވިދާޅުވީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ކައުންސިލްތަކަށް އޮންނަ އިތުބާރު ގެއްލޭ ގޮތަށް ވާހަކަ ދައްކަވަމުން ކަމަށެވެ.
"ކައުންސިލުތަކުގެ އަގު ވައްޓާލަން ތަކުރާރުކޮށް މަސައްކަތްކުރުމުގެ ނަތީޖާއަކަށް ވަނީ ކައުންސިލުތަކަށް ކުރިމަތިލާނެ ރަނގަޅު ޒުވާނުން ނުލިބުން." ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބަށް ވެސް އިޝާރާތް ކުރައްވައި ނިޒާރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މި ސަރުކާރުގެ ބަސްމަގު ހުރި ގޮތަށް ބަލާ އިރު ކައުންސިލްތަކަކީ ބޭކާރު ބައެކެވެ. އެގޮތުން އަތޮޅު ކައުންސިލުތައް އުވާލުމަކީ އޭގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ. އަދި ރަށު ކައުންސިލުތަކާ ލޯކަލް ގަވަނަންސް މިނިސްޓްރީން ހަވާލުވެދާނެތީ އެކަމާ ވެސް ނިޒާރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އޭނަ ވިދާޅުވީ ކަންކަން ދާ ގޮތަށް ބަލާ އިރު، މި ސަރުކާރުން ލޯކަލް ގަވަރަމަންޓް އެލްޖީއޭ) ގެ ގޮފިތައް ވެސް އަތޮޅުތަކުގައި ހުޅުވާނެ ކަމަށާއި އެ ގޮފިތަކުގައި މަސައްކަތް ކުރާނީ މާލެއިން ކަނޑައަޅާ އެންވޯއިއެއް ނުވަތަ ގަވަރުނަރެއް ކަމަށެވެ.