Last Updated: June 6, 19:23
Saturday, June 6, 2026
ދުނިޔެ

'ކުނާފާ' ޗޮކްލެޓް ނުކާން ޔޫކޭ އިން އިލްތިމާސްކޮށްފި

މި ފަހުން މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ދުބާއީގެ "ކުނާފާ" ޗޮކްލެޓް ކައިގެން އެލާޖިކްވުމުގެ މައްސަލަ އިތުރުވަމުންދާތީ އެ ބާވަތުގެ ޗޮކްލެޓް ނުކާން އިނގިރޭވިލާތުން އިލްތިމާސްކޮށްފި އެވެ.

އެ ގައުމުގެ ފުޑް ސްޓޭންޑާސް އެޖެންސީ (އެފްއެސްއޭ) އިން ބުނީ "ކުނާފާ" ބްރޭންޑްގެ ވަރަށް ގިނަ އުފެއްދުންތައް އިނގިރޭސިވިލާތުގެ ފުޓް ސޭފްޓީ މިންގަނޑުތަކަށް ނުފެތޭ ކަމަށެވެ. އަދި އެފަދަ އުފެއްދުންތަކުގައި އެ ހަދަން ބޭނުންކޮށްފައިވާ ބާވަތްތަކާ ބެހޭ މައުލޫމާތު އެންމެ ރަނގަޅަށް ހިމަނާފައި ވެސް ނުހުންނަ ކަމަށެވެ.

އެގޮތުން ބައެއް ބާވަތްތަކުގައި ޕީނަޓާއި ސެމިސީ ފަދަ ތަކެތި ބޭނުންކޮށްފައި ހުރި ނަމަވެސް، ލޭބަލްތަކުގައި އެކަން ހިމަނާފައި ނުހުންނަކަން ފާހަގަވެފައިވާ ކަމަށް އެފްއެސްއޭ އިން ބުންޏެވެ.

"ކުނާފާ" ޗޮކްލެޓްގެ އެންމެ ހާއްސަ ބާވަތަކީ ޕިސްޓާޝިއޯ އެވެ.

"ހާއްސަކޮށް އެލާޖީ މައްސަލަ ހުންނަ މީހުންނަށް މިއީ ވަރަށް ބޮޑު ނުރައްކަލަކަށް ވެދާނެ." އެ އެޖެންސީގެ ޕޮލިސީ ޑިރެކްޓަރު ރެބެކާ ސަޑްވޯތު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ އެލަޖީގެ މައްސަލައް ހުންނަ މީހުން އެ ބާވަތުގެ ޗޮކްލެޓް ކައިގެން ސިއްހީ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަވެފައިވަމުންދާ ކަމަށެވެ. އެހެންވެ މިހާރު މާކެޓްގައި ހުރި "ކުނާފާ" ބްރޭންޑްގެ ޗޮކްލެޓްތަކުން ސާމްޕަލްތަކެއް ނަގައިގެން ޓެސްޓްތަކެއް ހަދަމުން އަންނާތީ އެ ބާވަތުގެ ޗޮކްލެޓާ ދުރުހެލިވާން އިލްތިމާސްކޮށްފައިވެ އެވެ.