އައްޑޫގެ ފަތުރުވެރިކަން ގިނަ ކުރިއެރުންތަކަކާ އެކު ބަދަލުވަމުން އަންނަ އިރު، އެ އަތޮޅުގެ ގުދުރަތީ ރީތިކަމާއި، މީހުންގެ އޯގާތެރިކަމާއި، ތާރީޚީ މުއްސަނދިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަމުގެ މައި މަރުކަޒަކަށްވުމުގެ ފުރުސަތު އައްޑު ބއަށް ވަނީ ލިބިފަ އެވެ.
މި ކުރިއެރުމުގެ ބޮޑު ބާރަކީ އަމިއްލަ ފަރާތްތަކުން ބިނާކުރަމުން އަންނަ އާ ގެސްޓްހައުސްތަކާއި ކެފޭތަކާއި ޑައިވިން ސްކޫލްތަކެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓް ބޭނުންކޮށްގެން ސީދާ ބައިނަލްއަޤްވާމީ ދަތުރުތައް ފެށުމަށް ވެސް އަމިއްލަ ފަރާތްތަކުން އަންނަނީ މަސައްކަތްތަކެެއްކުރަމުންނެވެ. ހަމައެ އާއެކު، ފަތުރުވެރިކަމާއި އޭވިއޭޝަންގެ ގުޅުން ބަދަހިކުރުމަށް ވެސް އަމިއްލަ ފަރާތްތަކުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ބޭނުންކޮށްގެން ސީދާ ބައިނަލްއަޤްވާމީ ދަތުރުތައް ފަށައި، ފަތުރުވެރިންނަށް އައްޑު އަށް ދަތުރުކުރުން ފަސޭހަ ކުރުމަކީ މި ސިނާޢަތަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމެކެވެ.
ނަމަވެސް، ސަރުކާރުން ކުރަންޖެހޭ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫޢުތަކާއި ސިޔާސަތުތައް ތަންފީޒު ކުރުމުގައި ލަސްތަކެއް ހުރުމާއި، ގަން އެއާޕޯޓާއި އާ ގެސްޓުހައުސްތަކަށް ފުދޭ ވަރަށް ކަރަންޓު ވިއުގަތައް އަޕްގުރޭޑް ނުކުރެވޭކަން ފާހަގަކުރެވެ އެވެ. މިފަދަ އަސާސީ ޚިދުމަތްތައް ފުޅާނުކުރެވުމަކީ އާ ވިޔަފާރިތައް ފެށުމަށް ހުރަހަކަށްވެ، ސިނާޢަތުގެ ކުރިއެރުމަށް ބުރޫ އަރާނެ ކަމެކެވެ.
އައްޑޫގެ ފަތުރުވެރިކަމުގެ ދިރުން ގުޅިފައި ވަނީ ރައްޔިތުންނާއި، ވިޔަފާރިވެރިންނާއި، ޓްރެވަލް އޭޖެންޓުންނާއި ސަރުކާރު ހިމެނޭ ގޮތަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާ އެވެ.
އެހެންކަމުން އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި މި ހުރިހައި ފަރާތްތަކެއްގެ އެއްބާރުލުމާއެކު އައްޑޫ ދެކުނުގެ ފަތުރުވެރިކަމުގެ ވަރުގަދަ މަންޒިލަކަށް ހެދިދާނެ އެވެ. ސަރުކާރުގެ އެހީތެރިކަމާއި އަމިއްލަ ފަރާތްތަކުގެ ހިތްވަރާ އެކު، އައްޑޫގެ ފަތުރުވެރިކަން އިތުރަށް ތަރައްގީވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤުބަލުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އުންމީދު ކުރެވެ އެވެ.
މި ކާމިޔާބީއަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ އަސާސީ ކަމެކެވެ.