ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭސިން ޕޭ ނުވަތަ ދުނިޔޭގެ މާކެޓްގައި އާންމު ނަމުން ނަމަ ވީޗެޓް ޕޭ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއެކު، ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް ހައްލުތައް ހަރުދަނާކުރުމަށާއި ޓޫރިޒަމް ކުރިއެރުވުމުގެ މަސައްކަތްތައް ކުރަން އެއްބަސްވުމެެއްގައި މިއަދު ސޮއިކޮށްފިއެވެ.
ބީއެމްއެލް އާއި ވޭސިން ޕޭ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެދުގައި ގާއިމްކުރި މި ސްޓްރެޓީޖިކް އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޓޫރިޒަމް ފުޅާކުރަން މަސައްކަތްތަކެއް ކުރަން ވަނީ ހަމަޖެހިފައެވެ.
އެގޮތުން މި އެއްބަސްވުމުގެ ދަށުން، ރާއްޖެ މާކެޓު ކުރުމާއި ޓޫރިސްޓުންގެ އެންގޭޖްމަންޓާއި ޑިޖިޓަލް ހަރަކާތްތައް އިތުރުކުރުމާއި، ޓޫރިޒަމް ކުރިއަރުވަން ގުޅިގެން މަސައްކަތްތަކެއް ކުރަން ވަނީ ނިންމައިފައެވެ. އަދި ހާއްސަކޮށް ޗައިނާގެ ޓޫރިސްޓުން ފައިސާގެ މުއާމަލާތްކުރުމުގައި ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމަށް މަސައްކަތް ކުރަން ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން، ދިވެހި އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފައިސާގެ މުއާމަލާތްތަކުގައި ބަޔޯމެޓްރިކްސް ފަދަ އިޖާދީ ގޮތްތައް ބޭނުންކޮށްގެން ލުއިފަސޭހަކަމާ އެކު ފައިސާ ދައްކަން ހުރި ފުރުސަތުތައް ބީއެމްއެލް އާއި ވޭސިން ޕޭ ގުޅިގެން އިތުރަށް މުރާޖައާ ކުރާނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ވޭސިންގ ޕޭ އަދި ވިޒިޓް މޯލްޑިވްސް އާއި ގުޅިގެން ފަތުރުވެރިންނާއި ވިޔަފާރިތަކަށް ފައިސާދެއްކޭނެ އީޖާދީ އަދި ރައްކާތެރި ގޮތްތައް ހަމަޖެހިގެން ދިއުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.
"ބަޔޯމެޓްރިކް ބޭނުންކޮށްގެން ފައިސާދެއްކޭ ފަދަ ޓެކްނޮލަޖީތަކާ އެކު ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ. މީގެ ސަބަބުން އެކި ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެ ފަތުރުވެރިންގެ އުންމީދުތައް ހަގީގަތަކަށް ހަދައި ފަތުރުވެރިކަން ކުރިއެރުމަށް އެހީތެރިވެދޭނެ." ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލްއިން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓަރކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވޭސިންގ ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެ އެވެ.