ބޭންކް އޮފް މޯލްޑިވްސްގެ މިއަހަރުގެ ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވައިފި އެވެ.
ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އަލަށް ވިޔަފާރީގެ ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ އެއް އަހަރު ނުވާ ވިޔަފާރިއެއް ފުޅާކުރުމަށް ހިލޭ އެހީގެ ގޮތުގައި 500،000 ރުފިޔާ ދެމުންއަންނަ ފަންޑެކެވެ.
މި އަހަރު ގްރާންޓް ކާމިޔާބުކުރި ވިޔަފާރިތަކަކީ:
1. ރަށި ޕާކް (އިބްރާހީމް މިފްޟާލް ފަޔާޟް)
އައްޑޫ ސިޓީ ފޭދޫގައި ކުޑަކުދިންގެ އިންޑޯ ޕާކަކާއި ފެމެލީ ކެފޭއެއް ގާއިމުކުރުމަށް. މިއީ އައްޑޫގައި ގާއިމުކުރާ މިފަދަ ފުރަތަމަ ޕާކް. މި ޕާކުގައި ކުޑަކުދީން ކުޅުމަށް ވަސީލަތްތަކާއި ބެލެނިވެރިންނަށް ކާބޯތަކެއްޗާއި ވައިފައި ލިބޭނެހެން ލައުންޖް އޭރިއާއެއް ގާއިމުކުރާނެ.
2. ރަށު ޕްލާސްޓިކް ޕްރޮޖެކްޓް (މުޙައްމަދު މިމްރާޙް)
މި ޕްރެޖެކްޓްގެ މަގުސަދަކީ އުކާލާ ޕްލާސްޓިކުން ބޭނުންތެރި އަދި ދެމެހެއްޓެނިވި ޕްރޮޑެކްޓްސް އުފެއްދުން. އުލާކާ ޕްލާސްޓިކް ރީސައިކަލްކޮށް، ގަޑި، ކީޗެއިން ސަންގްލާސް ފަދަ މާކެޓުގައި ވިއްކޭނެ ސާމަނު މި ޕްރޮޖެކްޓުން އުފައްދާނެ. މި ޕްރޮޖެކްޓްގެ ރީސައިކްލިންގ ސެޓަޕް ގާއިމްކުރާނީ ވ. ފެލިދޫގައި.
3. ލޭޑީބަރޑް ކިންޑަރގާޑެން (ޝައްމާ ނަދީމް)
ހުޅުމާލޭ ފޭސް 2ގައި އުމުރުން 3 އަހަރާއި 6 އަހަރާ ދެމެދުގެ ކުދީންނަށް އެކުދިންގެ އުމުރާއި ގުޅޭ ހަރަކާތްތަކުގެ ތެރެއިން ދީނީ ތަރުބިއްޔަތު ރާއްޖޭގެ ކަރިކިއުލަމް ސްޓޭންޑާޑް ތަކާ އެއްގޮތަށްދޭ، އިސްލާމިކް އަރލީ ލަރނިންގ ސެންޓަރެއް ގާއިމުކުރުމަށް.
ބީއެމްއެލް އިން ބުނީ ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވާފައި ވަނީ ދެ ސްޓޭޖަކަށް ބަހާލައިގެން ވާދަވެރި އިވެލުއޭޝަންއަކަށް ފަހު ކަމަށެވެ. ފުރަތަމަ ސްޓޭޖުގައި އެންމެ ފާހަގަކުރެވޭ 10 ވިޔަފާރިއެއް ޝޯޓްލިސްޓްކޮށް، ދެ ވަނަ ސްޓޭޖުގައި މި ވިޔަފާރިތަކުން އިވެލުއޭޝަން ކޮމިޓީއަށް ވިޔަފާރީގެ ޕްލޭން ހުށަހަޅާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ކޮންމެ އަހަރަކު ދެ ފަރާތަކަށް މި ގްރާންޓް ދޫކުރި ނަމަވެސް މިއަހަރު ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭންކުންވަނީ މިއަހަރު ޖުމްލަ 3 ޕްރޮޖެކްޓަކަށް އެހީ ދެވޭނެކަން ހާމަކޮށްފަ އެވެ. މިއީ ސްޓާޓަޕް ގްރާންޓް ވިދިވިދިގެންދޭ ހަތަރުވަނަ އަހަރެވެ.