Last Updated: July 8, 14:17
Wednesday, July 8, 2026
ޚަބަރު

ޕީއެންސީގެ މާލޭ މޭޔަރުގެ ޓިކެޓް މޫސާ އަލީ ޖަލީލަށް

ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް އެންމެ ބޭފުޅަކު ކުރިމަތިލެއްވުމުން، ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަށް އެ ޓިކެޓް ކަށަވަރުވެއްޖެ އެވެ.

އަންނަ އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ޕީއެންސީން ވާދަކުރާ ކެންޑޭޓުން ހޮވަން ބާއްވާ ޕްރައިމަރީއަށް އެ ޕާޓީން ހުޅުވާލި ފުރުސަތު އިއްޔެ ވަނީ ހަމަވެފަ އެވެ.

މި ޕްރައިމަރީއާ ގުޅޭ ގޮތުން މައުލޫމާތު ދޭން ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ޕީއެންސީގެ ޕާލިިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމަށެވެ.

"މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން މި ހުރީ އެއް ކެންޑިޑޭޓެއް. ދެން އަޅުގަނޑު ނުދެންނެވިޔަސް ތިބޭފުޅުންނަށް އެ ބޭފުޅާއަކީ އާ ނަމަކަށް ނުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ބައެއް ނޫސްތަކުގައި ވެސް އެބަހުރި ކަންނޭނގެ ލިޔުއްވާފައި ވެސް އެއީ ކޮން ބޭފުޅެއްކަން،" ފަލާހު ވިދާޅުވި އެވެ.

އެއީ ކޮން ބޭފުޅެއްކަން ފަލާހު ވިދާޅުނުވި ނަމަވެސް އެނގިފައިވާ ގޮތުގައި، އެއީ ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް ސަރުކާރުން މިދިޔަ އަހަރު އަރުވާފައިވާ މޫސާ އަލީ ޖަލީލެވެ.

ފަލާހު ވިދާޅުވީ ޕީއެންސީގެ ޕްރައިމަރީއަށް 13،000އަށް ވުރެ ގިނަ މީހުން ކުރިމަތިލި ކަމަށާއި މިއީ ލޯކަލް ކައުންސިލް އިންތިހާބެއްގައި ޕާޓީއެއްގެ ޕްރައިމަރީއަކަށް މިހާ ގިނަ މީހުން ކުރިމަތިލި ފަހަރު ކަމަށެވެ. ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.