ޓޫރިޒަމާ ގުޅުންހުރި އާމްދަނީ އިތުރުވެ، ޖުމްލަ އާމްދަނީ ބޮޑުތަނުން ރަނގަޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓަށް ބަލާއިރު ފާއިތުވި ހަފުތާގެ ނިޔަލަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 36 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 10.5 ޕަސެންޓްގެ އިތުރުވުމެކެވެ.
ޓެކްސް އާމްދަނީގެ ތެރެއިން ފާއިތުވި ހަފުތާގައި އެންމެ ބޮޑު ކުރިއެރުމެއް ފާހަގަ ކުރެވުނީ ޓޫރިޒަމާ ގުޅުންހުރި މުދަލާއި ހިދުމަތުން ނަގާ ޓެކްސް، ޓީޖީއެސްޓީއިންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 14.1 ޕަސެންޓްގެ އިތުރުވުމެކެވެ.
ޖުމްލަ ޓެކްސް އާމްދަނީ 26.9 ބިލިއަން ރުފިޔާއަށް އަރާފައި ވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 24.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 9.2 ޕަސެންޓްގެ އިތުރުވުމެކެވެ.