މިދިޔަ މަހު މަރުވި އިންޑިއާގެ މަޝްހޫރު އެކްޓަރު ދަރުމެންދުރާގެ އެންމެ ފަހު ފިލްމު "އިއްކީސް" ރިލީޒް ކުރުން ފަސްކޮށްފި އެވެ.
ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ޑައިރެކްޓަރު ސްރީރާމް ރަގްވަން ޑައިރެކްޓްކޮޑްފައިވާ މި ފިލްމުގެ ތާރީހަށް ގެނައި ބަދަލާ އެކު މި ފިލްމު ވާނީ އަންނަ އަހަރުގެ ފުރަތަމަ ދުވަހު ހިންދީ ސިނަމާ އަށް އަންނާނެ ފުރަތަމަ ފިލްމަށެވެ.
"އިއްކީސް" ރިލީޒް ކުރަން ކުރިން ތާވަލުކޮށްފައި އޮތީ މި މަހުގެ 25 ގަ އެވެ. މި ފިލްމަކީ އުމުރުން 21 އަހަރުގައި މަރުވެފައިވާ އިންޑިއާގެ ކުރީގެ އަސްކަރީ އޮފިސަރެއް ކަމަށްވާ އަރޫން ކެތުރިޕާލްގެ ވާހަކަ ކިޔައިދޭ ތާރީހީ ބައޮގްރަފިކަލް ޑްރާމާއެކެވެ. އޭނަ މަރުވީ ޕާކިސްތާނާއި އިންޑިއާއާ ދެމެދު 1971 ގައި ހިނގި ބަސަންތަރު ހަނގުރާމައިގަ އެވެ.
"އިއްކީސް" ގައި އަރޫންގެ ރޯލު ކުޅެފައި ވަނީ އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްތިއާ ނަންދާ އެވެ. މިއީ އޭނަގެ ދެވަނަ ފިލްމެވެ. "އިއްކީސް" ގައި ދަރޭ ފެންނާނީ އަރޫންގެ ބައްޕަގެ ރޯލުންނެވެ.
"އިއްކީސް" ގެ ކާސްޓްގައި ދަރުމެންދުރާ، ޖައިދީޕް އަހުލުވާތު، ރާހުލް ދޭވް، ވިވާން ޝާހް، ސިކަންދަރު ކޭރް އަދި އެކަވަލީ ކަންނާ ވެސް ހިމެނެ އެވެ.
މި ފިލްމުން އަކްޝޭ ކުމާރަށް ބޮޑުބޭބެ ކިޔާ، ސިމަރު ބާޓިއާ ވެސް ބޮލީވުޑަށް ތައާރަފު ވާނެ އެވެ.
ދަރޭގެ ފަހު ފިލްމުގެ ގޮތުގައި "އިއްކީސް" ގެނެސްދޭ އިރު، އޭނަ އުމުރުން 89 އަހަރުގައި މަރުވީ މިދިޔަ މަހުގެ 24 ގަ އެވެ.