Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

ޖަލަށް ލާފާނެތީ ބިރެއް ނުގަނޭ: ޔާމީން

ރޭ އޮތް ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ޕީއެންއެފް

މި ސަރުކާރުން އެމަނިކުފާނު ޖަލަށް ލާފާނެތީ ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފުން ރޭ "ރިސެޓް"ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ގާނޫނީ ހަމަތަކުގެ މަތިން އެމަނިކުފާނުގެ ގައިގައި އަތްލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި އެމަނިކުފާނު ޖަލަށްލުމަކީ މި ސަރުކާރުން ހަދާނެ އެންމެ ބޮޑު ގޯސް ކަމަށެވެ.

"މި ސަރުކާރުން ވެސް އަޅުގަނޑު ޖަލަށް ލަންޏާ ޖަލަށް ލައްވާ. އެއީ އެބޭފުޅުން ހައްދަވާނެ އެންމެ ބޮޑު ގޯސް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވެސް ހީފުޅުކުރެއްވީ، އެމަނިކުފާނު ޖަލުގައި ބައިންދައިގެން ރިޔާސީ ދެވަނަ ދައުރެއް ލިބޭނެ ކަމަށް ކަމަށާއި ނަމަވެސް މާތްﷲގެ ނިންމެވުން މާ ވަރުގަދަ ކަމަށެވެ.

"އަޅުގަނޑު ނިކުމެ ތިބޭފުޅުންގެ ކުރިމަތީގައި އައިސް މިހުންނަނީ ސަމާސާއަކަށްތޯ. އަޅުގަނޑު ނިކުމެ ސިޔާސީ މަސައްކަތް މި ކުރަނީ، ރައްޔިތުންގެ ހައްގުގައި މަސައްކަތް މިކުރަނީ އަޅުގަނޑު ޖަލަށް ލާފާނެތީ ބިރުންތޯ. އެހެންވެއްޖެޔާ އެ މީހުން ބިރުގަންނަން އެއުޅެނީ ނުބައި މީހެއް. އަޅުގަނޑު ބިރުގަންނަވަން އުޅޭނެ ކަމެއް ނެތް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިހާރު އޮތް ތާއީދުވެސް އެމަނިކުފާނުގެ ގައިގައި އަތްލައިފިނަމަ ގެއްލިގެންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެއްވުނީ އޭރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރަމުންދިޔުމާ ގުޅިގެންނެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ރައީސް މުއިއްޒު ހޯއްދަވައި ވެރިކަމަށް ވަޑައިގެންނެވީ ޔާމީނުގެ ވެސް ތާއީދާ އެކުގަ އެވެ.

ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެމަނިކުފާނާއި ޔާމީނާއި ދެމެދު މައްސަލަ ޖެހި ޕީޕީއެމް ދޫކުރައްވައި ޔާމީން ވަނީ ޕީއެންއެފްގެ ނަމުގައި ޕާޓީއެއް އުފައްދަވާފަ އެވެ. އަދި ޔާމީން ގެންދަވަނީ ރައީސް މުއިއްޒާއި މި ސަރުކާރަށް އެކި ޕްލެޓްފޯމުތަކުގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުންނެވެ.