ކ. ތިލަފުށީގައި ވެސް ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓާ ހިދުމަތް ދޭން ނިންމައިފި އެވެ.
ރައީސް މިހެން ވިދާޅުވީ ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރަން ބޭނުންވާ ކަންކަން ސީދާ އަޑު އަހަން ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިންނާއެކު ރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިއަކު ހުށަހެޅި ހިޔާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ އަންނަ ޖެނުއަރީ މަސް ނިމެންވާއިރަށް ބީއެމްއެލްގެ އޭޓީއެމްއެއް ތިލަފުށީގައި ހުޅުވިގެންދާނެ ކަމުގެ ޔަގީންކަން އެ ބޭންކުން ދީފައިވާ ކަމަށެވެ.
ތިލަފުއްޓަކީ ވަރަށް ގިނަ ވިޔަފާރިތައް ހިންގާ ރަށެކެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ވެފައިވާ ވައުދު ފުރިހަމަކުރުމަށް، އެ ހިދުމަތް ނެތް ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަށް ނިންމައި އެމްއޯޔޫއެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ އެމްއޯޔޫގެ ދަށުން ނުވަ މަސް ދުވަހުގެ ތެރޭގައި 20 އަތޮޅެއްގައި، 105 އޭޓީއެމް ބަހައްޓައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކިންގެ ހިދުމަތް ވަނީ ފުޅާކޮށްފަ އެވެ.