Last Updated: July 8, 17:09
Wednesday, July 8, 2026
ޚަބަރު

ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ރޯދައިގެ ކުރިން ދީ ނިންމަނީ

ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ އަންނަ ރޯދަ މަހުގެ ކުރިން ދައްކައި ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ރައީސް ވަނީ ފަސް ހަފުތާ ތެރޭ، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ފައިސާ ދައްކައި ހަލާސްކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެފަހުން، އޮކްޓޫބަރު މަހުގެ 21ގައި ރައީސް ވިދާޅުވީ، 10 ދުވަހުގެ ތެރޭގައި، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ދައްކާނެ ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިންނާއެކު ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި މަސް ނިމެންވާއިރަށް ގިނަ ބިލުތަކަށް ފައިސާ ދައްކައި ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

"ދޭން ހުރި ފައިސާ ވެސް އިރާދަކުރެއްވިއްޔާ، މި ދެންނެވިހެން ފުދޭ ވަރަކަށް ގިނަ ފަރާތްތަކަކަށް މި މަސް ނިމޭއިރަށް، ބާކީ މިއޮތް 15 ދުވަސް ތެރޭގައި، ދެ ހަފުތާއެއްހާ ދުވަސް މިއޮތީ، އިރާދަކުރެއްވިއްޔާ މި ބަލަނީ ޕޭ ކޮށްލެވޭތޯ. އަދި ހަމައެއާއެކީގައި ޖެނުއަރީ މަސްތެރޭގައި ބާކީ އެމައުންޓް ވެސް ރޯދަމަހާ ހިސާބަށް ދާންވާއިރަށް ކުލިއާކޮށްލެވޭތޯ މި ބަލަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ސަރުކާރުން ދައްކަންޖެހޭ ބިލުތަކަށް ބަލާފައި، މީރާއަށް ވިޔަފާރިތަކުން ދައްކަން އޮތް ފައިސާއަށް ލުއިތަކެއް ގެނެސްދިނުމަކީ މިހާރު ވެސް ކޮންމެވެސް ވަރަކަށް ކުރަމުން އަންނަ ކަމެއް ކަމަށާއި ނަމަވެސް މިހާރަށްވުރެ އެކަން ފުޅާކޮށް، ގިނަ ވިޔަފާރިތަކަށް އެ ލުއިދެވޭނެ ގޮތެއް އޮތްތޯ ބައްލަވައިދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

އަމިއްލަ ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ދެ ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.

އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ އެތައް ވިޔަފާރިއެއް ހުއްޓުމަކާ ހަމައަށް ގޮސްފައިވާ ކަމަށް ބުނެ ބައެއް ވިޔަފާރިވެރިން ސޯޝަލް މީޑިއާގައި މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.