ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ބަލާ ފާސްކުރުން މުޅި ރާއްޖޭގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.
ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފުލުހުންނަށް އެންގެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒި އިއުލާން ކުރެއްވީ އިއްޔެ އެެވެ.
އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރެއިން ފެށިގެން ކޮންމެ ރެއަކު ދަންވަރު 12:00 އިން ހެނދުނު 6:00 އަށް މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިޔަށް ގެންދާނެ ކަމަށެވެ.
މި މަސައްކަތުގެ ދަށުން ދަންވަރުގެ ވަގުތުތަކުގައި ބޭނުންމެއް ނެތި ބާރުގައި އުޅޭ ބިދޭސީން ހުއްޓުވައި މައުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުންޏެވެ. ވަކިން ހާއްސަކޮށްް މާލެ އާއި ހުޅުމާލޭގައި އާންމު ތަންތަނުގައި ނިދާ ބިދޭސީންގެ ހާލަތު ބަލައި އެ ފަރާތްތައް ރާއްޖޭގައި ދިރިއުޅެނީ ގަވައިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ އެވެ.
މިގޮތަށް ބިދޭސީން ބަލައި ފާސްކުރުމުގެ ތެރެއިން ފާހަގަކުރެވޭ ކަންކަމާއި ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ގަވައިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންނާއި މެދު ގާނޫނާއި ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށްޓަަކައި އެފަދަ ފަރާތްތައް އިމިގްރޭޝަނާއި ހަވާލު ކުރާނެ ކަަމަށް ވެސް ފުލުހުން ބުންޏެވެ.
ރާއްޖޭގައި ވަރަށް ގިނަ އަދަދެއްގެ ބިސޭދިން އުޅޭ އިރު، މީގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ.