Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ސެމްސަންގު ފޯން ކޮންމެ ދުވަހަކު ލިބޭ ޕްރޮމޯޝަން ކޮކާކޯލާއިން އައްޑޫގައި ފަށައިފި

ކޮކާކޯލާ ގެ ބުއިން ރާއްޖެއަށް ތައާރަފްކުރިތާ 25 އަހަރު ފުރުމުގެ މުނާސަބާ އާއި ގުޅިގެން ކޮކާ ކޯލާއިން ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން ސެމްސަންގް ފޯނުގެ ރާއްޖޭގެ ޑިސްޓްރިބިއުޓާ ހައިކް ކުންފުންޏާއި ގުޅިގެން ކޮކާކޯލައިން ފަށާފައިވާ ޕްރޮމޯޝަން މިއަދު އައްޑޫގައި އިފްތިތާހްކޮށްފިއެވެ.

މިއަދު ހަވީރު ސ. ހިތަދޫ ޗެކާސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން އައްޑޫގައި އިފްތިތާހް ކޮށްދެއްވީ އައްޑޫގެ މޭޔަރ އަަބްދުﷲ ސާދިގް (ސޯބެ)އެވެ.

މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 45 މީހަކަށް ސެމްސަންގް ބްރޭންޑުގެ އެންމެ ފަހުގެ ތަފާތު ފޯނުތައް ލިބޭނެ ކަމަށް ކޮކާކޯލާއިން ބުނެއެވެ. އޭގެތެރޭގައި ސެމްސަންގް ގެލެކްސީ ނޯޓް5 އާއި ގެލެކްސީ އޭ8 އާއި އެސް6 އެޖް އަދި އެޖް ޕްލަސް ފަދަ އަގުހުރި ފޯނުތައް ހިމެނެ އެވެ.

ކޮކާކޯލާއިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކޯކް ފުޅިއެއް ގަތުމަށްފަހު، އޭގެ މަތިގަނޑުގައި އިންނަ އަދަދު އެސްއެމްއެސް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެސްއެމްއެސް ކުރާއިރު ކޯކް (COKE) ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްލާފައި މަތިގަނޑުގައި އިންނަ ނަންބަރު އެއްވެސް ބަދަލެއް ނުގެނެސް 2626 އެސްއެމްއެސް ކުރެއްވުމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކޮކާކޯލާ އިން ވަނީ އެކުންފުނިން ދާދި ފަހުން ތައާރަފްކުރި 1.25 އެމްއެލްގެ ކޯކްވެސް އައްޑޫއަށް ތައާރަފްކޮށްފައެވެ.