އޮތެންޓިކް މޯލްޑިވްސްގައި ރެޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އަލީބާބާ މެދުވެރިކޮށް މިހާރު މުދާ ވިއްކޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކޭނެ މަގުފަހިކުރުމަށް އޮންތެޓިކް މޯލްޑިވްސްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އަލީބާބާ މެދުވެރިކޮށް މުދާ ވިއްކޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
"އެއީ އަލީބާބާގައި ރެޖިސްޓްރީ ކުރެވިފައިވާ 400 ވެންޑަރުންނަށް މިހާރު އެކްސެސް ލިބިފައި ވަނީ. އެހެންވީމަ އޭގަ އެބޭފުޅުންގެ އުފެއްދުންތައް ވިއްކޭނެ،" ރައީސް ވިދާޅުވި އެވެ. "އޮތެންޓިކް މޯލްޑިވްސްގައި ބައިވެރިވާން ޖެހޭނެ. ބައިވެރިވީމަ އެކްސެސް ލިބިގެން އެދިޔައީ."
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދީ ބޭރުން ފައިސާ ގެނައުމުގައި ހުރި ދަތިތައްވެސް ހައްލުކޮށް ދެއްވާނެ ކަމަށެވެ. އެގޮތުން އެ ވިޔަފާރިތަކާ ގުޅުން ހުރި ފަރާތްތަކާ ގާތުން މިހާރު ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ އިރު، މިހާރު ޕޭޕަލްއާ އެކު ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
އެހެންވެ އުއްމީދަކީ އަންނަ މަހު އެކަމުގެ މަސައްކަތް ނިމި ޚިދުމަތް ފޯރުކޮށް ދެވިގެން ދިއުން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިޖިޓަލް ވޮލެޓް ސްވައިޕްގެ ޚިދުމަތް އަންނަ އަހަރުގެ ފުރަތަމަ ކުރާޓަރުގެ ތެރޭގައި ފެށޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.