Last Updated: June 6, 19:23
Saturday, June 6, 2026
މުނިފޫހިފިލުވުން

ޝާދަށް ސޫރަޖްގެ ފިލްމުން ރޯލެއް

އާންމުކޮށް ސަޕޯޓިން ރޯލުތަކުން ފެންނަ ބޮލީވުޑްގެ އެކްޓަރު ޝާދު ރާންދްވާ، ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ އާ ފިލްމު "ޔޭ ޕްރޭމް މޯލް ކިޔާ" ގެ ރޯލަކަށް ސޮއިކޮށްފި އެވެ

މިކަން ކަށަަވަރުކޮށް ދެމުން 47 އަހަރު އެކްޓަރު ބުނީ ސޫރަޖްގެ ފިލްމެއްގައި މަސައްކަތް ކުރަން ލިބުމަކީ ހުވަފެނެއް ހަގީތަކަށްވުން ކަމަށެވެ. ޝާދު ބުނީ ސޫރަޖަކީ އޭނަ އަށް ވަރަށް ކަމުދާ ޑައިރެކްަރެއް ކަމަށާއި އޭނަގެ ހުރިހާ ފިލްމުތަކެއް ވެސް ވަރަށް ކަމުދާ ކަމަށެވެ.

"އެހެންވެ އަބަދު ވެސް އުންމީދުކުރި ކަމެއް ސޫރަޖްގެ ފިލްމެއްގައި މަސައްކަތް ކުރުމަކީ،" އޭނަ ބުންޏެވެ. "އެންމެ ފަހުން އެފަދަ ފުރުސަތެއް މިއޮތީ ލިބިފައި. މިއީ ހަމަ ހުވަފަނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް. ސޫރަޖްގެ ފިލްމުން އަހަރެން ފެންނާނީ ކުރިން ކުޅެފައިވާ ރޯލުތަކާ ވަރަށް ވެސް ތަފާތު ރޯލަކުން."

ޝާދު ވަނީ "ޔޭ ޕްރޭމް މޯލް ލިޔާ" އިން ފުރުސަތު ދިން ކަމަށްޓަަކައި ސޫރަޖަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. އަދި މި ފުރުސަތު ފަހިވީ ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާގެ ސަބަބުން ކަމަށް ވެސް ބުންޏެވެ.

މިހާތަނަށް ބަޓް ކޭމްޕްގެ ވަރަށް ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ އަދި ވަކިން ހާއްކޮށް މި އަހަރުގެ "ސައްޔާރާ" ގެނެސްދިން ޑައިރެކްޓަރު މޯހިތު ސޫރީގެ ފިލްމުތަކުން އަބަދު ވެސް ފުރުސަތު ލިބޭ ޝާދަކީ ކުރީގެ އެކްޓަރު ދާރާ ސިންގް އާއި ކުރީގެ ބަތަލާ މުމްތާޒްގެ އާއިލާ އަށް ނިސްބަތްވާ އެކްޓަރެކެވެ.

"ސައްޔާރާ" ގެ އިތުރުން މި އަހަރު ޝާދު ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "އޭކް ދީވާނޭ ކީ ދީވާނީޔަތު" އާއި "މަސްތީ 4" ހިމެނެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ޝޫޓިން ފެށި "ޔޭ ޕްރޭމް މޯލް ލިޔާ" ގެ ލީޑް ތަރިންނަކީ އަޔޫޝްމަން ކްރާނާ އާއި ޝަރްވާރީ ވާގެވެ. އަދި މީގެ ކާސްޓްގައި އަނޫޕަމް ކޭރް ވެސް ހިމެނެ އެވެ.

އާއިލީ ފިލްމުތައް ގެނެސްދޭން މަޝްހޫރު ސޫރަޖްގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "އޫޗާއީ" އެވެ. އޭނަގެ ފުރަތަމަ ފިލްމަކީ 1989 ގެ "މޭނޭ ޕިޔާރު ކިޔާ" އެވެ.