މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ 'އޮޕަރޭޝަން އަލިމަގު' ތެރެއިން މި މަހުގެ ކުރީކޮޅު އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑެއް ކަމަށްވާ އަލީ ނަދީމް (މައިލޯ ނަދަމާ) ބަންދުކުރި މައްސަލަ ހައި ކޯޓްގައި އިސްތިއުނާފު ކުރުމުން ބޭރުކޮށްލައިފި އެވެ.
މިދިޔަ ހަފުތާގައި އިސްތިއުނާފު ކުރި އެ މައްސަލަ ހައި ކޯޓުން ބަލައި ނުގަނެ ބޭރުކޮށްލީ އިއްޔެ އެވެ.
'އޮޕަރޭޝަން އަލިމަގު" ގެ ދަށުން ކޯޓު އަމުރެއްގެ ދަށުން ހިތަދޫގެ 10 ތަނެއް ބަލައި ފާސްކޮށް ނަދަމާ ހިމެނޭ ގޮތަށް ފުލުހުން 10 މީހަކު ހައްޔަރުކުރި އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ނަދަމާގެ ނެޓްވޯކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގު ފެށީ މިދިޔަ މާޗު މަހުން ފެށިގެންނެވެ. އަދި 2017 އިން ފެށިގެން އެ ނެޓްވޯކުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށާއި ގެ ހަތަރު މީހެއްގެ އެކައުންޓުން ފާއިތުވި ފަސް އަހަރު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ވެރިކަން ކުރާ ޕާޓީ ޕީއެންސީގައި އިސްކޮށް ހިތަދޫގައި ހަރަކާތްތެރިވަމުން އައި ނަމަދާ، 30، އަކީ ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެކެވެ. އޭނަ އެ މަގާމަށް ހަމަޖެއްސީ މިދިޔަ އަހަރެވެ.