ކުރީ ސަރުކާރުން ބިލުތަކަށް ފައިސާ ނުދައްކައި ހުރުމުގެ ސަބަބުން ދިމާވެފައިވާ "އިންހެރިޓެޑް އެރިއާސް" ނުވަތަ ވާރުތަވި ދަރަނި، މިހާރުގެ ސަރުކާރުން މުހިންމު މައުޟޫއެއްގެ ގޮތުގައި ފާހަގަކުރައްވަ އެވެ. ސަރުކާރުގެ މާލީ ހާލަތާއި، އެހެން ފަރާތްތަކަށް ސަރުކާރުން ދައްކަންޖެހޭ ދަރަނިތަކަކީ ޢާންމުންގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވާ މައްސަލައެކެވެ.
ސަރުކާރުގެ ރަސްމީ ބޭފުޅުން ބަޔާން ކުރައްވާ ގޮތުގައި، އެބޭފުޅުން ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، ކުރީ ސަރުކާރުން ނުދައްކައި ހުރި 9 ބިލިއަން ރުފިޔާގެ ދަރަނި އެބޭފުޅުންގެ ސަރުކާރަށް ވާރުތަވެފައިވެ އެވެ. ނަމަވެސް، 2023 ގެ މާލީ ބަޔާނަށް ކުރި އޮޑިޓު ރިޕޯޓުން ދައްކާ ގޮތުގައި، ގާނޫނީ ގޮތުން ތެދުކުރެވޭ ވާރުތަ ދަރަނީގެ އަދަދަކީ 3.12 ބިލިއަން ރުފިޔާ އެވެ. މި ދެ އަދަދާ ގުޅޭ ގޮތުން ޢާންމުންގެ މެދުގައި އެކި ކަހަލަ ސުވާލުތައް އުފެދިފައިވާ އިރު، ގިނަ ބަޔަކު މިކަން ދެކެނީ އާ ސަރުކާރުން މާލީ ހާމަކަން ބޮޑުކަމަށް ހުރަސް އަޅަމުންދާ ކަމަށެވެ.
މީގެ އިތުރުން، ވޯލްޑް ބޭންކުން 2024 ގައި ނެރުނު އަޕްޑޭޓުން ކަށަވަރުވާ ގޮތުގައި، އެ އަހަރުގެ ތެރޭގައި ސަރުކާރުގެ ފައިސާގެ ދަތިކަމުގެ ސަބަބުން ދައްކަން ޖެހޭ ދަރަނިތައް ނުދެއްކި ހުރުމުގެ ސަބަބުން އެ އަދަދު ދިޔައީ އިތުރުވަމުންނެވެ. އެއީ ނުދައްކައި ހުރި ދަރަންޏަށް އިތުރުވަމުންދާ އިންޓަރެސްޓް އާއި ޖުރިމަނާތަކެވެ. އެގޮތުން ކުރީ ސަރުކާރުން ވާރުތަވި 3.12 ބިލިއަން ރުފިޔާގެ ދަރަނި 9 ބިލިއަން ރުފިޔާއަށް ބަދަލުވާންޖެހުނު ސަބަބު ކޮންމެވެސް ވަރަކަށް ސާފުވެއެވެ.
މިއީ ސަރުކާރުގެ މާލީ ސުލޫކުގެ ރިވެތި މިސާލެއް ނޫންކަން ފާހަގަކުރެވެ އެވެ. ސަރުކާރުގެ ނުދައްކާ ބިލުތަކާއި އެރިއާސް ކަނޑައެޅުމާއި، ރެގިއުލޭޓް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް އުސޫލުތަކާއި ގާނޫނުތައް ހުރެއެވެ.
އެގޮތުން، ރާއްޖޭގެ ޕަބްލިކް ފައިނޭންސް ގާނޫނާއި، އައިޕީއެސްއޭއެސްގެ މިންގަނޑުތަކާއި، އައިއެމްއެފްގެ ގަވާއިދުތަކާއި، ބައިނަލްއަޤްވާމީ އޮޑިޓް މިންގަނޑުތަކަށް ބަލާލުން މުހިންމެވެ.
މި އުސޫލުތަކުން ސަރުކާރުން މާލީ މައުލޫމާތު ރިޕޯޓް ކުރަން ޖެހޭ ގޮތާއި، ދަރަނިތައް ހިސާބު ކުރަން ޖެހޭނެ ގޮތްތައް ބަޔާންކޮށްދެ އެވެ. މި އުސޫލުތައް ދެނެގަތުމަކީ މާލީ ހާމަކަން ބޮޑުކަމާއި، މައުލޫމާތު ލިބިފައިވާ ޢާންމު ބަހުސްތަކަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ޚުލާސާކޮށް ދަންނަވާނަ މަ، ސަރުކާރުގެ "އިންހެރިޓެޑް އެރިއާސް" ނުވަތަ ވާރުތަވާ ދަރަންޏަކީ ހަމައެކަނި މާލީ މައްސަލައަކަށް ވުރެ ބޮޑަށް، ސަރުކާރުގެ މާލީ ހިނގުންތަކުގެ ހާމަކަމާއި، އިތުބާރުގެ މައްސަލައެކެވެ. ރަނގަޅު މާލީ ސުލޫކެއް ގެންގުޅުމަށާއި، ޢާންމުންގެ އިތުބާރު ހޯދުމަށްޓަކައި، ގާނޫނުތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.